މެކްސިކޯގެ މައްޝޫރު ޑުރަގް ލޯޑް އެލްޗަޕޯ ގުޒްމާންގެ އަންހެނުން އޭނާގެ ފިރިމީހާއާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރިވެފައިވާނެ ކަމަށް އަމިއްލައަށް ކޯޓުގައި އިއުތިރާފް ވެއްޖެއެވެ.
އުމުރުން 31 އަހަރުގެ އިއްމާ ކޮރޯނަލް އެމެރިކާގެ ވޮޝިންޓަނުގެ ކޯޓަކަށް ހާޒިރުވެވަނީ، ގިނަ ކުއްތަކަކަށް އަމިއްލައަށް އިއުތިރާފް ވެފައެވެ. މީގެތެރޭގައި ވަގުފައިސާ ދޮވުމުގެ ކުށާ، ފިރިމީހާ އެލްޗަޕޯއާއެކު ސިނަލޯ ޑުރަގް ކާޓެލް ހިނގުމަށް އެހީތެރިވެދީފައިވާނެ ކަމަށާއި، އަދި 2015 ވަނަ އަހަރު އެލްޗަޕޯ ޖަލުން ފިލުމަށް އެހީތެރިވެދީފައިވާނޭ ކަމަށްވެސްވަނީ އެއްބަސް ވެފައެވެ.
ކޮރޯނަލްގެ މައްޗަށް މި ކުއްތަށް ސާބިތުވެއްޖެނަމަ މުޅި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސް 10 މިލިއަން ޑޮލަރަށް ޖޫރިމަނާކުރުން އެކަށީގެން ވެއެވެ. އުމުރުން 63 އަހަރުގެ އެލަޗަޕޯ އައްނަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮލަރާޑޯ ޖަލުގައި ތަންފީޒު ކުރަމުންނެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އެލްޗަޕޯގެ ސިނަލޯ ޑުރަގް ކާޓަލް އަކީ އެމެރިކާއަށް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ކާޓަލްއެވެ.
ކުރީގެ ރީތީގެ ރާނީއެއް ކަމަށްވާ ކޮރޯނަލް އެމެރިކާގެ ފުލުހުން ހައްޔަރުކޮށްފައިވަނީ ފެބުރުއަރީމަހު ޑަލެސް އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެއަށްފަހު އޭނާގެ މައްޗަށްވަނީ މަސްތުވާތަކެތި ވިއްކުމުގެ ތުހުމަތު ކޮށްފައެވެ.
މީގެއިތުރުން ޕްރޮސިކިއުޓަރުންވަނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރާއި ދެމެދު ފިރިމީހާ އެލްޗަޕޯއަށް މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އެހީތެރިވެދީފައިވާކަމަށް ތުހުމަތު ކޮށްފައެވެ. މި ތުހުމަތުތައް ކޮށްފައިވަނީ އެލްޗަޕޯ އަދި ކޮރޯނަލް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކުގެ މައްޗަށް ބިނާކޮށެވެ.




