ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
"ކޮވިޑް-19 ގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށް ފަހު، މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މިހާރަށްވުރެ ފާގަތި ދުވަސް ތަކެއްގެ މަލަމަތި ފެންނަން ފަށައިފައިވާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކެން. އަދި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް މިފަދަ ކަންކަމަށް ތަނެއް ނުދޭ" ފުލުހުން މިރޭ ވިދާޅުވިއެވެ.
އެހެންކަމުން، މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށާއި މިއީ، އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް، އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތު ކަމަށްވެސް ފުލުހުން މިރޭވަނީ ވިދާޅުވެފައެވެ.
ފުލުހުން މިފަދައިން ބުނެފައި މިވަނީ ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތަށްފަހު ދެން އަންނަ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް މިރޭ ކުޅުމަށް ހަމަޖެހިފައި ވަނިކޮށެވެ. ރާއްޖޭގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅަ ކަމަށްވާއިރު ގިނަބަޔަކު އައްނަނީ މިރޭ ކުޅެވޭ މިމެޗު ބެލުމަށް ތައްޔާރުވަމުންނެވެ.




