ކޮވިޑް-19 ކޮންޓްރޯލު ކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މަސައްކަތް ކުރަނީ ލުއިދޭއިރު، ރައްކާތެރި ކަމާއެކު ދޫދިނުމަށް ކަމަށެވެ.
އަދި ހަފްތާ ނިމޭއިރު ލުއިތައް ހާމަ ކުރާނެ ކަމަށާއި އެހެން ނަމަވެސް ދޭނީ ކޮންކަހަލަ ލުއިތަކެއް ކަން އަދި ނުނިންމާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރިގެންފައިވަނީ މިދިޔަ މެއި މަހުއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 2000 އާ ގާތްކުރާ އަދަކަކަށް ޕޮޒިޓިވް ކޭސްތައްވަނީ ފެނިފައެވެ. އަދި އެއާއެކު ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން މުޅި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރިއެވެ.
އެގޮތުން މާލެ ސަރަހައްދުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގައި، ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ.
އަދި ކޮވިޑް-19 ޖެހި ރަނގަޅުވެފައި ތިބޭ މީހުން މާލެ ސަރަހައްދުން އެހެން ރަށަކަށް ދަތުރު ކުރާ ނަމަ ކަރަންޓީން ވާން ޖެހޭ ކަމަށްވެސް އެޗްޕީއޭއިން މިހާރުވަނީ އަންގާފައެވެ. މިއީވެސް ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާ ޚާއްސަ ފިޔަވަޅެއްކަމަށް އެސެންޓަރުންވަނީ ހަމަކޮށްފައެވެ.



