އުތުރު ކޮރެއާއަށް ކާނާގެ ދަތިކަން ފޯރައިފައިވާކަން އެގައުމުގެ ލީޑަރ ކިމް ޖޮން އުން ފުރަތަމަ ފަހަރަށް ވިދާޅުވެއްޖެއެވެ.
އުތުރު ކޮރެއާގެ އިސް ލީޑަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ކިމް ވިދާޅުވެފައިވަނީ، ރައްޔިތުންނަށް ކާނާ ލިބިމުގައި ދަތިކަން ފޯރަން ފަށައިފައިވާ ކަމަށެވެ. އަދި ފެންބޮޑުވުމުގެ ހާދިސާތަކާއި ގުޅިގެން ޓާގެޓް ކުރި މިންވަރަށް ކާބޯތަކެތި މިދިޔަ އަހަރު އުފެއްދިފައި ނުވާކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އުތުރު ކޮރެއާގެ ކާބޯތަކެތީގެ އަގުތައްވަނީ އިންތިހާ ދަރަޖައަށް އުފުލިގެން ގޮސްފައެވެ. މިގޮތުން ދޮންކެޔޮ ކިލޯއެއްގެ އަގުވެސް އުޅެނީ 45 އެމެރިކާ ޑޮލަރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އުތުރު ކޮރެއާއިންވަނީ އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފައެވެ.
މިއާއެކު ޗައިނާއާއެކު އުތުރު ކޮރެއާއިން ކުރަމުން އައްނަ ވިޔަފާރިތައްވަނީ ދަށަށް ގޮސްފައެވެ. ކާބޯތަކެއްޗާ، ހަކަތައާއި، އަދި މިނޫންވެސް އަސާސީ ކަންކަމަށް އުތުރު ކޮރެއާއިން ބިނާވަނީ ޗައިނާގެ އެހީތެރިކަމަށެވެ.
މީގެއިތުރުން އުތުރު ކޮރެއާގެ ނިއުކުލިއާ ޕްރޮގުރާމާއި ގުޅިގެން އެގައުމާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންވެސް ގައުމުގެ ހާލަތުދަނީ ވަރަށް ބޮޑަށް ދައްވަމުންނެވެ.
ފާޅުގައި ގައުމަށް ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަތައް ކިމް ގިނަފަހަރަށް ނުދައްކަވައެވެ. ނަމަވެސް ކިމް މިފަހުންވަނީ އިގްތިސާދީ ޕްލޭނުތައްވެސް ކާމިޔާބުނުވެ ފެއިލްވެފައިވާކަން އިއުލާން ކޮށްފައެވެ.



