ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލުމާއި ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ޑީސެލް އާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
އެސްޓީއޯއިން ބުނީ، މިއަދުން ފެށިގެން ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަން ނިންމާފައިވާކަމަށެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ، އެކުންފުނިން ވިއްކާ ޑީސެލް އާއި ޕެޓްރޯލް އަގުބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ގެންދިއުމަށްޓަކައި ކަމަށް އެސްޓީއޯއިން ބުންޏެވެ.
އަގަށް ގެނައި ބަދަލުތަކުގެ ތެރެއިން އެސްޓީއޯއިން ވަނީ ޑީސަލް ލީޓަރަކުން 0.93ރ. އަދި ޕެޓްރޯލް ލީޓަރަކުން 0.89ރ. އަގު ބޮޑުކޮށްފަ އެވެ. މިހާރު ޕެޓްރޯލް ޝެޑްތަކުން ޑީސަލް ލީޓަރެއް ވިއްކަނީ 10.72ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަނީ 9.74ރ. އެވެ.




