2018 ވަނަ އަހަރު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން ފިއްލަވަން މަސައްކަތް ކުރެއްވި ދުބާއީގެ އަމީރާ ލަތީފާ ސްޕެއިންގައި ހުއްނަވާ ފޮޓޯއެއް އާންމުކޮށްފިއެވެ.
އިންސްޓަގުރާމްގައި އާންމުކޮށްފައިވާ މި ފޮޓޯއިން ފެއްނަނީ ލަތީފާ އިތުރު އަންހެނަކާއެކު ސްޕެއިންގެ މެޑްރިޑްގެ އެއާޕޯޓެއްގައި ހުއްނަވާ ތަނެވެ. މި ފޮޓޯ އާންމުވެފައި މިވަނީ ލަތީފާ ދިރިދުނިޔޭގައި ހުރިކަމުގެ ހެއްކެއް ދެއްކުމަށް އ.ދ އިން ގޮވާލައިފައި ވަނިކޮށެވެ.
އ.ދ އިން މިކަމަށް ގޮވާލައިފައިވަނީ، މިއަހަރުގެ ފެބްރުއަރީމަހު ބީބީސީ އިން އާންމުކުރި ފުޓޭޖްއެއްގައި ލަތީފާ ވިލާއެއްގައި ހައްޔަރުކޮށްފައި ހުރިކަމަށާއި ފުރާނަ ސަލާމަތް ނުވެދާނެ ކަމުގެ ބިރުވެރިކަން އެބައޮތްކަމަށް ލަތީފާ ބުނެފައި ވުމާއި ގުޅިގެންނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އ.ދ ގެ ތަޖުރިބާކާރުންވެސްވަނީ ލަތީފާ މިނިވަން ކުރުމަށް ގޮވާލައިފައެވެ.
މީގެ ރައްދުގައި ދުބާއީގެ ޝާހީ އާއިލާއިން ބުނެފައިވަނީ ލަތީފާ ހުރީ އާއިލާގެ ބެލުމުގެ ދަށުގައި ރައްކާތެރިކަމާއެކު ގޭގައި ކަމަށެވެ. އަދި އާއިލާއިން ލަތީފާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރަޝީދު އަލް މަޚްތޫމްގެ ދަރިކަނބަލުން ލަތީފާ އެގައުމުން ފިއްލަވަން މަސައްކަތް ކުރެއްވީ ފެބްރުއަރީ 2018އިގަ އެވެ. ނަމަވެސް ޖެހިގެން އައި މަހު އޭނާ އިންޑިއާ ކަނޑުން ދަތުރު ކުރަމުން ދިޔަ ބޯޓެއްގައި ހުންނަވަނިކޮށް، ޔޫއޭއީގެ ސިފައިން ގޮސް އޭނާ ހައްޔަރުކޮށްގެން އަނބުރާ ގައުމަށް ގެންދިޔައެވެ. ލަތީފާ ފިއްލެވުމުގެ ކުރިން ރިކޯޑު ކުރި ވީޑިއޯއެއްގައި ލަތީފާ ބުނެފައިވަނީ މީގެ ކުރިން ޝެއިހް މަޚްތޫމް އޭނާ އާއި އޭނާގެ ދައްތަ ޖަލަށް ލައި، އަނިޔާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.




