ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 5 ލައްކައިން މައްޗަށް!

2021 ވަނަ އަހަރު ގެ މިހާތަނަށް ދިވެހިރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 500،406 ފަތުރުވެރިޔަކު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އެއީ ޖެނުމަރީ މަހު ޒިޔާރަތްކުރި 92،103 ފަތުވެރިން، ފެބްރުއަރީ މަހު ޒިޔާރަތްކުރި 96،882 ފަތުރުވެރިންގެ މާރޗް މަހުގެ 109،585 ފަތުރުވެރިންނާއި ، އޭޕްރިލްމަހު ޒިޔާރަތްކުރި 91،200 ފަތުރުވެރިންނާއި އަދި މެއިމަހު ޒިޔާރަތްކުރި 64،613 ފަތުރުވެރިންގެ އިތުރުން މިމަހު މިހާތަނަށް ޒިޔާރަތްކުރި 46،023 ފަތުރުވެރިންނެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއްކަމުގައި ވީނަމަވެސް ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ކޮވިޑް-19 އާއި ގުޅިގެން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އެގޮތުން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2020 ވަނަ އަހަރު މިއަދަދު ވަނީ 555،494 އަށް ވެއްޓިފައެވެ.

މިތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 24.3 ޕަސެންޓް ފަތުރުވެރިންނަކީ ރަޝިއާގެ ފަތުރުވެރިންނެވެ. އަދި ދެވަނާގައި އަވައްޓެރި އިންޑިއާ އުޅޭއިރު، ރާއްޖެއަށް މިއަހަރު މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރުންގެ ތެރެއިން 18.0 ޕަސެންޓު ފަތުރުވެރިން ނިސްބަތްވަނީ އިންޑިއާއަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު އާންދަނިއެއް ލިބޭ ސިނާއަތެވެ. މީގެ އިތުުރުން ރާއްޖެއަށް އެންމެ ގިނަ ބޭރު ފައިސާވެސް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި އަސަރާއި އެކު ރާއްޖޭގެ އިޤްތިޞާދުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. ހަމައެއާއެކު ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަންވެސް އިތުރުވެފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު، ރިޒޯޓްތަކާއި މެރީނާ ހިމެނޭގޮތަށް ރާއްޖޭގައި 162 ތަނެއް އޮޕަރޭޓް ކުރަމުން އެބަދެއެވެ. އަދި 12 ހޮޓަލާއި 160 ސަފާރީގެ އިތުރުން 701 ގެެސްޓްހައުސް މިހާރު ރާއްޖޭގައި ޓުއަރިސްޓުންނަށްޓަކައި އޮޕަރޭޓްކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގައި ޓުއަރިސްޓުންނަށްޓަކައި ޖުމްލަ 47،526 އެނދު މިހާރު އޮޕަރޭޓް ކުރަމުންދެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ