ޖާނުން ފިދާވާނެ ހަމަލާއެއް ފެނިދާނެ ކަމުގެ ބިރުވެރިކަން މިހާރު އެބައޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅިވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، މެއި މަހުގެ ހަވަނަ ދުވަހު އެއްޗެއް ގޮއްވާލާ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށްފަހު، އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި "އެމްޑީޕީ ހަރުގެ ކްލަބް ހައުސް" ލޯންޗުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ނަޝީދުގެ ވާހަކަފުޅުގައި މިހާރު ރާއްޖެ އޮތް ހާލަތާއި މެދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ރައްޔިތުންގެ ބިރުވެރިކަން ގެންނަން ކުރި ކަމަކީ ހުޅު ޖެހުން ފަދަ ކަންކަން ކަމަށެވެ. ނަމަވެސް މިހާރު ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، އެކަމުގައި ހަރަކާތްތެރިވާ މީހުން ޓެކްނޮލިޖީގެ ބޭޏުން ހިފާ، އެކަން ފިކުރީ ހަނގުރާމައަކަށް ހަދާ، ދެން ފެންނަނީ ވަރަށް އަނދިރި މަންޒަރެއް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
" އަޅުގަނޑަށް ދެން ފެންނަނީ ވަރަށް ވަރަށް އަނދިރި މަންޒަރެއް. ޖާނުން ފިދާވުމުގެ ހަމަލާ އަޅުގަނޑުމެންގެ ތެރެއަށް އަންނަން ފެށުން. އަޅުގަނޑު ދެކޭގޮތުގައި އެކަންވެސް އަޅުގަނޑުމެންގެ ތެރެއަށް އަންނާނެ. އަޅުގަނޑުމެންނަށް މިކަމަށް ވަރަށް ބާރު އަވަސް ފިޔަވަޅުތަކެއް ނާޅާފިނަމަ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝިދު ވިދާޅުވީ، ހިފާ ހައްޔަރުކުރުމުގެ އުސޫލު މިހާރު އޮތް ގޮތުން ރާއްޖެއަށް ކުރިމަތިވެފައި އޮތް ނުރައްކަލުން އަރައިގަނެވެން ނެތް ކަމަށެވެ. އެހެންކަމުން ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި ކޮންމެ މީހެއްގެ އަސާސީ ހައްގުތައް ހިފެހެއްޓިގެން ހައްޔަރު ކުރާ ކުރުން ނިމުމަކަށް ގެނެސް، ވަކި ހަމަޖެހޭ އުސޫލުތަކެއްގެ ތެރެއިން އެފަދަ މީހުން ހަމަ ކުއްލިއަކަށް ހިފައި ހައްޔަރު ކުރަން އެބަޖެހޭ ކަމަށެވެ.
މީގެ އިތުރުން، ގައުމު ސަލާމަތްކުރުމަށް ރައީސް އިބްރާހިމް މުަހައްަމަދު ސޯލިހްވެސް ނިކުންނަވަންޖެހޭ ވަގުތު އައިސްފިކަމަށާއި ފަހަތު ފަޔަށް ބުރަ ނުވެ އެކަން ކުރެއްވުމަށް ރައީސިުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.




