ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން ބްލޮކްބަސްޓާ ފިލްމް "އޯލްޑް ގާޑް" ގެ ދެވަނަ ބައި ގެނެސްދޭނެ ކަން ކަށަވަރުކޮށްދީފިއެވެ.
މި ހަބަރު ކަށަވަރުކޮށްދިނީ، މި ފިލްމްގެ ލީޑު ރޯލުން ފެނިގެންދިޔަ ބަތަލާ ޗާލީޒް ތެރޮން އެވެ. ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި، އެ ޗާލީޒް ބުނީ، މި ފިލްމްގެ ޕްރޮޑަކްޝަން މަސައްކަތް 2022 ވަނަ އަހަރު ފަށާނެ ކަމަށެވެ.
ޗާލީޒް ބުނީ، މި ފިލްމްގެ ސްކްރިޕްޓްވެސް މިހާރު ފައިނަލްވެފައި ވާކަމަށާއި، އަދި ފިލްމްގެ ޝޫޓިން އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ފަށާނެކަމަށެވެ.
ވާހަކަ ފޮތް "ދަ އޯލްޑް ގާޑް"އަށް ބިނާކޮށް ހަދައިފައި ވާ މި ފިލްމްގެ ފުރަތަމަ ބައި، ލިޔެ ޑައިރެކްޓް ކޮށްފައިވަނީ، ޖީނާ ޕްރިންސް-ބައިދަވުޑް އެވެ.
ފިލްމްގެ ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާއިރު، ފޭނުން ތިބީ ފިލްމްގެ ދެވަނަ ބައި ނެރޭނެ އިންތިޒާރެއްގައެވެ.



