ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެއްސަކީ މުހައްމަދު އަޝްމަލީކަން ހާމަވެއްޖެއެވެ.
އުމުރުން 15 އަހަރުގެ ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލައެއް ލަންކާ ފުލުހުން އަންނަނީ ބަލަމުންނެވެ.
މި މައްސަލައާއި ގުޅުންހުރި 32 މީހަކު ހައްޔަރުކޮށްފައިވާއިރު، އެންމެ ފަހުން ހައްޔަރު ކުރި 4 މީހުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ. އޭގެތެރެއިން ތިން މީހުންނަކީ ލަންކާގެ ރައްޔިތުންނެވެ. އަދި އެއީ ކުއްޖާ އިސްތިހާރުކޮށް ވިއްކުމަށް ވެބްސައިޓެއް ހަދައި ހިންގި މީހާ އާއި ހޮޓަލެއްގެ މެނޭޖަރެވެ. މީގެ އިތުރުން، މި މައްސަލައިގައި އިތުރު 12 މީހަކު ފާހަގަވެފައިވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
މި ކުޑަ ކުއްޖާ ބޭނުންކޮށްގެން ހަށިވިއްކާ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ވެސް ހިމެނެވެ.
ލަންކާގެ ފުލުހުންނާއި ހަވާލާދީ "މިހާރު" ނޫހުން ބުނެފައިވަނީ، ކުޑަ ކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ މުހައްމަދު އަޝްމަލީ ކިޔާ މީހެއް ކަމަށެވެ.
މީގެ އިތުރުން ބުނެފައިވަނީ، އަޝްމަލީ ހައްޔަރުކޮށްފައިވަނީ އެ ކުއްޖާއާއި ޖިންސީ ގުޅުން ހިންގަން ދިޔަ މީހެއް ކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ.
އަޝްމަލީ އަކީ ދިރާގުގެ ޗެއާމަންކަމާއި އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ މީހެކެވެ.
ލަންކާ ފުލުހުން މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާއިރު، މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކުއްޖާ ލައްވާ ހަށިވިއްކުވާތާ މިހާރު ވަނީ ތިން މަސްވެފައެވެ.
އެ ކުއްޖާއަށް ޖިންސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާއިރު، އެކުއްޖާއަށް މިހާރު ފަރުވާ ދެމުންދާކަމަށް ލަންކާ ފުލުހުން މައުލޫމާތުދެއެވެ.