އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓުރަމްޕް ޓުވިޓާ، ގޫގަލް، އަދި ފޭސްބުކްއާއި ދެކޮޅަށް ދައުވާކުރައްވާނެކަން ހާމަކޮށްފިއެވެ.
ޓުރަމްޕް ވިދާޅުވީ މި ކުންފުނިތަކުގެ އެންމެ އިސްވެރިންނާއި ދެކޮޅަށްވެސް ދައުވާ ކުރައްވާނެ ކަމަށާއި ސެންސާރޝިޕްގެ ޝިކާރައަކަށް އެމަނިކުފާނު ވެފައިވާކަމަށެވެ.
މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ޓުރަމްޕްވަނީ ފޭސްބުކް އަދި ޓުވިޓާއިން ސަސްޕެންޑް ކޮށްފައެވެ. މިގޮތަށް އަމަލުކޮށްފައިވަނީ މައްޝޫރު "ކެޕިޓަލް ރައެޓް" އާއި ގުޅިގެން ޓުރަމްޕް ކުރެއްވި ޕޯސްޓްތަކާއި ޓުވީޓުތަކާއި ގުޅިގެންނެވެ. ޓުރަމްޕްވަނީ އެ އަމަލު ހިނގި ފަރާތްތަކަށް ހިތްވަރު ދީފައެވެ.
ބުދަ ދުވަހު ޓުރަމްޕް ވިދާޅުވީ، ޓެކްނޮލެޖީގެ މި ކުންފުނިތަކާއި ދެކޮޅަށް އުފުލައިފައިވާ ދައުވާއަކީ ބަސްބުނުމުގެ މިނިވަންކަމަށް ލިބޭނެ ރީތި ކުރިއެރުމެއް ކަމަށެވެ.
ޓުރަމްޕްގެ ގޯލްފް ރިސޯޓުގައި ބުދަދުވަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓުރަމްޕްވަނީ މީސްމީޑިއާ ނެޓްވޯކްތަކަށާއި ޑިމަކްރެޓިކް ޕާޓީގެ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެއިތުރަށް ޓުރަމްޕްވަނީ ސައްހަ ނޫން މައުލޫމާތު ފޯރުކުރާކަމަށްބުނެ އެފަރާތްތަކަށް ތުހުމަތުކޮށްފައެވެ.



