ނެޓްފްލްކްސް އިން ގެނެސްދެމުން އަންނަ ކާމިޔާބު ސީރީޒް، "ދަ ވިޗާ"ގެ ދެވަނަ ސީޒަންގެ އާ ޓީޒާއެއް ދައްކާލައިފިއެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅު ނެޓްފްލިކްސް އިން ގެނެސްދިން މި ސީރީޒްގެ ދަވަނ ސީޒަންއަށް ފޭނުން އިންތިޒާރުކުރަމުން އަންނަތާ އަތައް ދުވަހެއް ވެއްޖެއެވެ. ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ދެވަނަ ސީޒަންގެ ޕްރޮޑަކްޝަން މަސައްކަތް އެތައް ފަހަރަކު ފަސްވަމުން އައިސް، ޝޫޓިން އެއްކޮށް ނިއްމާލިކަން މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ނެޓްފްލިކްސް އިން ވަނީ ހާމަކޮށްފައެވެ.
ދެވަނަ ސީޒަންގެ އާ ޓީޒާއެއް ދައްކާލައިފައިވާއިރު، ސީރީޒް ދައްކަން ފަށާ ތާރީހްވެސް ނެޓްފްލިކްސް އިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން "ދަ ވިޗާ" ގެ ދަވަނަ ސީޒަން ޕްރީމިއާ ކުރާ ތާރީހަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 17 ގައެވެ. މި މައުލޫމާތު ހާމަކޮށްފައި މިވަނީ، "ވިޗާކޮން" ނަމުގައި މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިންނެވެ.
ދެވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިފައިވާއިރު، މި ޓީޒާގައި ސީރީޒްގެ އެންމެ ހާއްސަ އެއް ކެރެކްޓަރ ކަމުގައިވާ "ސީރީ" އާއި "ގެރާލްޓް" ގެ ކެރެކްޓަރ ފެނިގެންދެއެވެ. މީގެ އިތުރުން ފޭނުންގެ އެންމެ ފޭވެރިޓް އެއް ކެރެކްޓަރ ކަމުގައިވާ "ޔެނިފާ" ޓްރެއިލާއިން ނުދެއްކިނަމަވެސް، "ޔެނިފާ"ވެސް އެނބުރި އަންނަކަން ޓްރެއިލާއިން އަންގައިދެއެވެ.
"ދަ ވިޗާ"ގެ ދެވަނަ ސީޒަން އަންނަ ޑިސެމްބަރު 17 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާއިރު، މި ސީރީޒްގެ ވާހަކައިގެ ތެރެއިން ކުރި ފަޅައިގެން އަންނަ އިތުރު ޕްރީކުއަލް ސީރީޒެއްވެސް ނެޓްފްލިކްސް އިން ވަނީ އިއުލާންކޮށްފައެވެ. "ދަ ވިޗާ: ބްލަޑް އޮރިޖިން" ގެ ނަމުން ނަން ދީފައިވާ މި ސީރީޒްއަކީ، "ދަ ވިޗާ"ގެ ވާހަކަ ގެނެސްދޭ ހިސާބުގެ 1200 އަހަރު ކުރި ދައްކައިދޭނެ ސީރީޒްއެކެވެ. މި ސީރީޒް ދައްކަން ފަށާނީ އޯގަސްޓް 23 ގައެވެ.
ވީޑިއޯ ގޭމެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ "ދަ ވިޗާ" ގައި ވިޗާ ގެ ރޯލު ކުޅެފައިވަނީ، ޑީސީ ގެސުޕަމޭން ފިލްމްތަކުގައި ސުޕަމޭޏްގެ ރޯލު ކުޅުނު އެކްޓަރ ހެންރީ ކެވްލް އެވެ. ހެންރީ އަކީ މި ޝޯގައި އެންމެންގެ ފޭވަރިޓްއެވެ. މީގެ އިތުރުން، މި ސީރީޒް ގެ އަނެއް ފޭވަރިތް ކެރެކްޓަރ ކަމުގައިވާ “ޔެނިފާ” ގެ ރޯލު ކުޅެފައިވަނީ، އާންޔާ ޗަލޯތްރާއެވެ. މީގެ އިތުރުން، “ސީރީ” ގެ ރޯލު ކުޅެފައިވަނީ، ޒުވާން އެކްޓްރެސް ފްރެޔާ އެލެން އެވެ. ވިޗާ ގެ އިތުރުން މި ދެ ކެރެކްޓަރ އަކީ މި ސީރީޒްގެ މެއިން ކެރެކްޓަރ ތަކެވެ.




