ހައިޓީގެ ރައީސް އަވަހާރަކޮށްލުމުގެ ފަހަތުގައި ހުރިކަމަށް ބެލެވޭ އެންމެ އިސްމީހާ ހައްޔަރުކޮށްފި

ހައިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލުމުގެ ފަހަތުގައި ހުރިކަމަށް ބެލެވޭ އެންމެ އިސްމީހާ ހައްޔަރުކޮށްފިއެވެ.

ކަމާބެހޭ އިދާރާތަކުން މިއަދު ބުނީ، ރައީސް މޮއިސް އަވަހާރަކޮށްލުމަށް ކުލީ ސިފައިން ފޮނުވިކަމަށް ބެލެވޭ މީހަކު އެމެރިކާގެ ފުލޮރިޑާ ސްޓޭޓުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މިމީހާއަކީ ހައިޓީއަށް ނިސްބަތްވާ މީހެއް ކަމަށްވެސް އެ އިދާރާތަކުން މައުލޫމާތު ދެއެވެ.

ރައީސް މޮއިސް އަވަހާރަކޮށްލައިފައިވަނީ، ބުދަދުވަހުގެ ދަންވަރުގެ ވަގުތުގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތެރެއަށް ކުލީ ސިފައިންގެ ބަޔަކު ވަދެއެވެ. ރައީސް މޮއިސް އަވަހާރަކޮށްލުމުގެ އޮޕަރޭޝަނުގައި 26 ކޮލަމްބިއާ ކުލީ ސިފައިންނާ އަދި ދެ ހައިޓީގެ ރައްޔިތުން ހިމެނެއެވެ.

ފުލުހުންގެ ވެރިއާ ލިއޯން ޗާލްސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މިއަދުބުނީ، ރައީސް މޮއިސް އަވަހާރަ ކޮށްލި ހަމަލާގެ މޭސްތިރިއާކަމަށް ބެލެވިގެން އެމެރިކާއިން ހައްޔަރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ ކުރިސްޓިއަން އިމެނުއަލް ސަނޫން ނަމަކަށްކިޔާ މީހެއް ކަމަށެވެ. ޗާލްސް އިތުރަށް ބުނީ، ސަނޫންވަނީ ޖޫންމަހުގެ ކުރީކޮޅު އަމިއްލަ ސެކިއުރިޓީ ގާޑުންނާއެކު އަމިއްލަ ޗެޓެއްގައި ހައިޓީއަށް އައިސްފައި ކަމަށެވެ.

ރައީސް މޮއިސް މަރާލުމަށް ކުލީ ސިފައިން ހޯދިކަމަށް ތަހުގީގުން މިހާތަނަށް އިނގިފައިވަނީ ފުލޮރިޑާގައި ހުންނަ ކޮލަމްބިއާގެ ސެކިއުރިޓީ ފާމެއް މެދުވެރިކޮށެވެ. މިހާތަނަށް މިމައްސަލައިގައި 21 މީހުންވަނީ ހައްޔަރުކޮށްފައެވެ. އަދި ފަސްމީހަކު އައްނަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ