ކަރާޗީ ލޮކްޑައުން ކޮށްފި

ކޮވިޑް-19 ގެ ކޭސްތައް ޕާކިސްތާނުގައި އިތުރުވާން ފެށުމާއި ގުޅިގެން އެގައުމުގެ ވިޔަފާރީގެ މަރުކަޒު ކަރާޗީ ހިމެނޭގޮތުން ސިންދު ޕުރޮވިންސް ލޮކްޑައުން ކޮށްފިއެވެ.

ސިންދު ޕުރޮވިންސްގެ ޗީފް މިނިސްޓަރ މުރާދް އަލީ ޝާހް ވިދާޅުވީ، ކޮވިޑް-19 ގެ ކޭސްތައް އެ ޕުރޮވިންސްގައި ކުއްލިއަކަށް އިތުރުވެގެން ދިއުމާއެކު ކަރާޗީގެ ހޮސްޕިޓާތަކަށް ބާރުބޮޑުވެފައިވާކަމަށެވެ.

ސިންދު ޕުރޮވިންސްގެ ލޮކްޑައުން ފެށިފައިވަނީ މިއަދެވެ. މި ލޮކްޑައުން އައްނަމަހުގެ އަށްވަނަ ދުވަހާއި ހަމައަށް ދިގުދެމިގެންދާނެއެވެ. ލޮކްޑައުންގެ މުއްދަތުގައި ބޭސްފިހާރަ، ބޭކަރީ، ގޭސް ސްޓޭޝަން، ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވައި އެހެން ހުރިހާ ވިޔަފާރިތަކެއް ބަންދުވާނެއެވެ. މިތަންތަންވެސް ރޭގަނޑު ހަޔެއް ޖަހާއިރު ބަންދުކުރަން ޖެހޭނެއެވެ.

މީގެއިތުރަށް އެއް ސިޓީއިން އަނެއް ސިޓީއަށް ކުރާ ދަތުރުތައް ހުއްޓުވައި އަމިއްލަ ކާރާއި އަދި ޓެކްސީގައި ދެމީހުންނަށްވުރެ ގިނަ މީހުންނަށް ދަތުރުކުރުންވެސްވަނީ މަނާކޮށްފައެވެ. މިހެންނަމަވެސް ޕަބްލިކް ބަސްތަކަށްވަނީ ހިދުމަތްދިނުމުގެ ހުއްދަ ދީފައެވެ. ސުކޫލް އަދި ޔުނިވާސިޓީގައި ނަގަމުންދާ ޓެސްޓުތައްވެސްވަނީ ވަގުތީގޮތުން ހުއްޓުވައިފައެވެ. މި ޓެސްޓުތައް ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލޮކްޑައުންގެ މުއްދަތު ނިމުމުންނެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭ ޕާކިސްތާނުން ކޮވިޑް-19 ޖެހިގެން 65 މީހަކުވަނީ މަރުވެފައެވެ. މުޅިން އަލަށް 4،950 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. މުޅިޖުމްލަ ކޮވިޑް-19 އަށް 1,029,811 މީހުންވަނީ ޕޮޒިޓިވުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ