މިޔަންމާގައި އިއުލާން ކޮށްފައިވާ ކުއްލި ހާލަތުގެ މުއްދަތު އިތުރުކޮށް ސިފައިންގެ ވެރިޔާ އެގައުމުގެ ބޮޑުވަޒީރު ކަމުގައި ހުއްނަ މުއްދަތު އިތުރު ކޮށްފިއެވެ.
މިއަހަރުގެ ފެބުރުއަރީމަހު މިޔަންމާއަށް ގެނެވުނު އަސްކަރީ ބަގާވާތަށްފަހު ވެރިކަމާއި ހަވާލުވެހުރި ސިފައިންގެ ޖެނެރަލް މިން އޯންގް ލެއިންގް ވިދާޅުވީ، 2023 ވަނަ އަހަރުގެ އޮގަސްޓްމަހާއި ހަމައަށް ކުއްލިހާލަތުގެ މުއްދަތު ދިގުދަންމާލައިފައިވާ ކަމަށެވެ.
ގައުމާ މުހާތަބުކޮށް ގަޑިއިރެއްގެ ދިގުމިނަށް ލެއިންގް ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ގިނަ ޕާޓީތަށް ބައިވެރިވާ އިންސާފުވެރި އިންތިހާބެއް މިޔަންމާގައި ބާއްވާނެ ކަމަށެވެ. ނަމަވެސް ބަގާވާތުގެ ކުރިން ވެރިކަމުގައި ތިބި ފަރާތްތަކަކީ ނިރުބަވެރިންކަމަށް ވިދާޅުވެފައި ވެއެވެ.
އަސްކަރީ ބަގާވާތާ ގުޅިގެން މެދުކެނޑުމެއް ނެތި މިޔަންމާގައި ހިންގަމުން ދިޔަ މުޒާހަރާތަކުގައި އެތައްސަތޭކަ ބަޔަކުވަނީ މަރުވެފައެވެ. މީގެއިތުރަށް ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިންވަނީ ވަރަށް ބޮޑަށް ޒަހަމްވެ ސިއްހީ އެހީތެރިކަން ހޯދަން ޖެހިފައެވެ. ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން މިޔަންމާގެ ސިއްހީ ނިޒާމަށްވަނީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ.
މިޔަންމާއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 300،000 މީހުންނެވެ. މީގެތެރެއިން 9،300 މީހުންވަނީ މިބަލީގައި މަރުވެފައެވެ. މިއަދަދުތައް މިއަށްވުރެ އިތުރުވުން އެކަށީގެންވާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
ލެއިންގް ގައުމާ މުހާތަބުކޮށް މިއަދު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް-19 އެގައުމުގައި ފެތުރިގެން ދިއައީ އަސްކަރީ ބަގާވާތާއި ދެކޮޅަށް މުޒާހަރާކުރި ފަރާތްތަކުގެ ސަބަބުން ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.



