ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުންދާ ހަމާސް ޖަމާއަތުގެ ލީޑަރުކަމަށް ދެވަނަ ފަހަރަކަށް އިސްމާއިލް ހަނިއްޔާ އިންތިހާބުވެއްޖެއެވެ.
ހަނިއްޔާ އަކީ 2017 ވަނަ އަހަރުން ފެށިގެން ހަމާސް ޖަމާއަތުގެ ލީޑަރެވެ. މިހާރު އުމުރުން 58 އަހަރުގެ ހަނިއްޔާ ހަމާސްގެ ލީޑަރުކަމަށް އިންތިހާބު ވެފައި މިވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ މުއްދަތަށެވެ.
ހަމާސް ޖަމާއަތަކީ އިސްރާއިލުން ހިސާރު ކޮށްފައިވާ ގައްޒާ އާއި އިސްރާއިލުން އަތްގަދަކުރަމުން އައްނަ ހުޅަނގު އައްސޭރީގައި ވެރިކަންކުރަމުންދާ ޖަމާއަތެވެ. މި ޖަމާއަތުންވަނީ މި ދެ ސަރަހައްދުގެ އިންތިހާބުތައް ކާމިޔާބު ކޮށްފައެވެ. ނަމަވެސް އިސްރާއިލާއި އެމެރިކާއިން ބަލަނީ ހަމާސް ޖަމާއަތަކީ ނިރުބަވެރި ޖަމާއަތެއް ކަމުގައެވެ.
ފާއިތުވެދިޔަ ދެއަހަރު ދުވަހު ހަނިއްޔާ އަމިއްލައަށް އަރުވާލެއްވިގެން ދިރިއުޅެމުން ގޮސްފައިވަނީ ތުރުކީއާއި ގަތަރުގައެވެ. ކައިރި މުސްތަގުބަލެއްގައި އެނބުރި ފަލަސްތީނަށް އައްނާނެ ކަން ހަނިއްޔާ އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ހަނިއްޔާ އަކީ ހަމާސް ޖަމާއަތުގެ ބާނީ ޝެއިހް އަހުމަދު ޔާސީންގެ އެންމެ އަރިސް އެކަކެވެ. ޝެއިހް ޝަހީދު ކޮށްލައިފައިވަނީ އިސްރާއިލް ސިފައިން ދިން ހަމަލާއެއްގައި 2004 ވަނަ އަހަރެވެ.




