ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ "ބެލްބޮޓަމް" ގެ ޓްރެއިލާ މީގެ ތިން ދުވަސް ކުރިން ރިލީޒްކުރުމާއެކު، މި ޓްރެއިލާއަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މި ފިލްމްގެ ޓްރެއިލާއަށް ލިބުނު ބޮޑު ތަރުހީބާއެކު އެންމެންނަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ މި ފިލްމްގައި ބަތަލާ ލާރާ ދައްތާ ކުޅެފައިވާ ރޯލަށެވެ. ފިލްމްގެ ޓްރެއިލާއިން ލާރާ ފެނުނުލެއް ތަފާތުކަމުން ގިނަ ބައެއް ސަމާލުކަން ހުއްޓިފައި ވަނީ ލާރާ ގެ ކެރެކްޓަރ އަށެވެ.
މީސް މީޑިއާގައިވެސް ލާރާގެ މި ތަފާތު ފެނިލުމުގެ ވާހަކަ މި ދުވަސްކޮޅު ވަރަށް ގަދަޔަށް ދެކެވެމުން އަންނައިރު، މި ފިލްމްގައި ލާރާ ކުޅެފައިވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ އިންދިރާ ގާންދީ ގެ ރޯލެވެ.
ކޮށްފައިވާ މޮޅު މޭކަޕްގެ ސަބަބުން އިންދިރާ ގާންދީއާ ލާރާ ވަރަށްވެސް ވައްތަރެވެ. އަދި އޭނަގެ އެކްޓިންވެސް އެހާ މޮޅުކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
ތިއޭޓާ ތަކުގައި ރިލީޒްކުރަން އަމާޒު ހިފާފައިވާ މި ފިލްމަކީ އަންނަ މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ. ރަންޖީތު އެމް ތިވާރީ ޑައިރެކްޓްކޮށް އުފައްދާ މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ އަކްޝޭ ކުމާރާއި ވާނީ ކަޕޫރެވެ.



