ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން އަންނަ މަހުން ފެށިގެން، ކޮންމެ ދެ ހަފްތާއަކުން ޕީސީއާރު ޓެސްޓު ހަދަންޖެހޭ ގޮތަށް އުސޫލު ކަނޑައަޅައިފިއެވެ.
މި އުސޫލަށް އަމަލުކުރާނެކަން ސިވިލް ސަރވިސް އިން އަންގައިފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވިދާޅުވީ، ވެކްސިން ޖެހުމުގެ ޝަރުތު ފުރިހަމަވާ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ނުކުންނަން ވާނީ ޕީސީއާރް ޓެސްޓް ހަދައިގެން ކަމަށެެވެ.
އަދި އެއަށްފަހު ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓު ހަދައިގެން ވަޒީފާއަށް ނުކުތުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ ކަަމަށް ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވިއެވެ.
އެހެންކަމުން ވެކްސިން ނުޖަހާ މުވައްޒަފުން އެގޮތަށް އަމަލު ކުރަމުން ގެންދިއުމަށާއި، އަދި އެގޮތަށް މުވައްޒަފުން އަމަލު ކުރޭތޯ ބެލުމަށް އެ ކޮމިޝަނުން އަންގައިފައިވެއެވެ.
ވެކްސިން ފުރިހަމަކުރާ ފަރާތްތަކަށް ލުއިތަކެއް ދީ، ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު ދަތި ކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން މީގެ ކުރިން ވެސް ވަނީ އަންގައިފައެވެ. އެގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރި ޓީޗަރުންތަކެއް ވެސް ވަނީ ވަޒީފާއިން އެކަހެރިކޮށްފައެވެ.
ވެކްސިން ފުރިހަމަ ނުކުރާ ފާރާތްތަކަށް އަންނަ މަހުން ފެށިގެން އެތެރޭގެ ދަތުރުފަތުރު ކުރުމުގައިެވސް ދަތިތަކެއް ކުރިމަތިވާއިރު، އަންނަ މަހުން ފެށިގެން ކެފޭ ރެސްޓޯރެންޓް ތަކަށްވެސް ވަދެވޭނީ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށެވެ.



