ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ސަރުކާރުން ކުރިއަށްގެންދާ، ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
އުމުރުން 12 އަހަރާއި 17 ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފާށާފައިވާއިރު އެ ދަރިވަރުންނަށް ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒަރ ވެކްސިންނެވެ. ސަރުކާރުން ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ.
ސްކޫލް ދަރިވަރުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމައްސާފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ހެލްތް މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ. އެޑިއުކޭޝަނުން ވިދާޅުވީ، ގާތްގަނޑަކަށް 40000 ދަރިވަރުންނަކީ ކޯވިޑް އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހޭނެ ކަމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، މާލެ ސަރަހައްދުގައި މިއަދު ދެ ސްކޫލެއްގައި ވެކްސިން ޖެހުން ކުރިއަށްދާނެ ކަމަށެވެ. އެއީ ހުޅުމާލޭގައި ހުރަވީ ސްކޫލާއި މާލެއިން އަމީނިއްޔާ ސްކޫލް ކަމަށެވެ. އަދި އަތޮޅު ތެރޭގެ ސްކޫލްތަކުގައިވެސް ވެކްސިން ޖެހުން މިއަދު ފަށާނެއެވެ.
އެގޮތުން ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގެ ދަރިވަރުން މިހާރު ވެކްސިން ޖަހަން ފަށައިފައިވާއިރު، އެކުދިން ވެކްސިން ޖަހަމުން ދަނީ ރެހެންދީ ސްކޫލް ވެކްސިން ސެންޓަރުގައެވެ.
ރަޝީދު ވިދާޅުވީ ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް އަންގަމުންދާނޭކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށްވެސް ވެކްސިން ޖަހާ ނިންމާލުމަކީ އަމާޒެއްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މާލޭގައި ސްކޫލް ކުދިންނަށް ވެކްސިން ޖެހުން ބޭނުންކުރާނެ ސެންޓަރަކީ އިސްލާމިކް މަރުކަޒުގައެވެ. އަދި ހުޅުމާލޭގައި ވެކްސިން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާނީ ރެހެންދީ ސްކޫލްގައެވެ. އަދި އަތޮޅުތަކުގައި ވެކްސިން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާނީ ސްކޫލްތަކެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވިދާޅުވީ، ދަރިވަރުން ވެކްސިން ޖަހަން ގޮސް ކިއުއެއްގައި ޖެހެން ނުޖެހޭނެކަމަށާއި ދަރިވަރުން ވެކްސިން ޖަހަން ދާނީ އެ ދަރިވަރަކަށް ދީފައިވާ ވަގުތެއްގައިކަމަށެވެ. މިގޮތުން 30 މިނެޓްގެ ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ޖެހޭނެކަމަށް ލަފާކުރެވޭކަމަށް މުޖާހިދު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލްގައި ވެކްސިން ސެންޓަރުތަކެއް ގާއިމުކުރަން މަސައްކަތްކުރަމުންދާކަމަށް މުޖާހިދު ވިދާޅުވިއެވެ.
އެޑިއުކޭޝަނުން ވިދާޅުވީ، ވެކްސިން ޖެހުމުގައި ހަރަކާތްތެރިވާނީ އެޗްޕީއޭގެ އޮފިޝަލުން ނުވަތަ ތަމްރީނުވެފައިވާ ތިބި ކަމާބެހޭ ފަރާތްތައް ކަމަށެވެ.




