އުސޫލާ ހިލާފަށް ފަތުރުވެރިން ރަށްރަށުގައި ޗުއްޓީ ހޭދަކުރޭތޯ ބަލަނީ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަތުރުވެރިން ރަށްރަށަށް ދިއުމުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްޓަކައި އިންސްޕެކްޝަންތައް ފެށުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ރޭ ކުރި އިއުލާނެއްގައި ވިދާޅުވީ، އުސޫލުތަކާ ޚިލާފަށް ގިނައަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާތީ، އަދި އުސޫލުތައް ގާއިމުކޮށްފައިވާ މަޤުޞަދު ހާސިލުކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި 18 އޮގަސްޓުން 2021 ފެށިގެން އިސްޕެކްޝަންތައް ފެށުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.

މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި އެ އިންސްޕެކްޝަންތައް ކުރިއަށް ގެންދާނީ އިމްގްރޭޝަން، ފުލުހުން، ޓުއަރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ އަދި އެޗްޕީއޭއިން ގުޅިގެން ކަމަށް އެ އޭޖެންސީން ބުންޏެވެ.

ރާއްޖެ އަންނަ ފަތުރުވެރިން 26ޖުލައި 2021 އިން ފެށިގެން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ތިބެވޭނީ WH0އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، ރާއްޖެއަށް ދަތުރުކުރާ ތާރީޚަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށާއި ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާ، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ %60 އަށް މަތިވެފައިވާނަމަ ކަމަށް އެޗްޕީއޭއިން ވަނީ އިއުލާންކޮށްފައެވެ.

އެޗްޕީއޭގެ އިއުލާނުގައި ވަނީ އެ އިންސްޕެކްޝަންތަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި 9:00އިން 18:00އަށް، 7264574 އަށް ގުޅޭނެ ކަމަށެވެ. އަދި ޝަކުވާއެއްވާ ނަމަ [email protected] އަށް މެއިލް ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ