އަޅުގަނޑު ހުއްޓަކާ ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ސަކަރާތެއް ނުޖެހޭނެ: ޕީޖީ ޝަމީމް

ދައުވާއިން ސަލާމަތް ވުމަށް ކުޑަކުދިން ބޭނުންކޮށްގެން ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ޕްރޮސިކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި މައުލޫމާތު ދިނުމަށް ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ޝަމީމް ވިދާޅުވީ، މި މައްސަލައިގެ ބަޔާން ނެގި ދުވަހުވެސް ވަރަށް އުނދަގޫ އިހްސާސްތަކެއް ކޮށް، ފުން އަސަރުތަކެއް ކުރުވިކަމަށެވެ.

ޝަމީމް ވިދާޅުވީ، 13 އަހަރު ކުއްޖާގެ ތަހުގީގީ ރިޕޯޓުގައި ހުރި ބަޔާންތައް ވިދާޅުވުމަށް ފަހު އެކުއްޖާގެ ފޮޓޯތައް ނުބެއްލެވީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ނުދެއްކެވިދާނެކަން އެނގޭތީ ކަމަށެވެ. އަދި ޝަމީމް ވިދާޅުވީ،  މިއީ އެއްގޮތަކަށް ވެސް މި ރާއްޖޭގައި ހިނގައިގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށާއި މިއީ ވަރަށް ދެރަ ކަންތައްތައްކަމަށެވެ.

ޝަމީމް ވިދާޅުވީ، ދައުވާ އިން ސަލާމަތްވުމަށް މި ފަދަ މައްސަލަތަކުގައި ކުޑަކުދިން ބޭނުންކޮށްގެން ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ޕްރޮސިކިއުޓަރ ޖެނެރަލް ގެ މަޤާމުގައި އެ ބޭފުޅާ ހުއްޓާ، އެ ސަކަރާތް ނުޖެހޭނެކަމަށެވެ.

"...މިގޮތަށް ކުޑަކުދިން ބޭނުންކޮށްގެން ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ވަރަށް ސާފު މެސެޖެއް ދޭން ބޭނުންވޭ. އެ ސަކަރާތެއް ނުޖެހޭނެ. އަޅުގަނޑު މި މަޤާމުގައި ހުރެގެން އެކަން އެގޮތަށް ކުރާކަށް ޖާގައެއް ނުދޭނަން"

"ހަމަ ކިރިޔާވެސް ދައުވާ ކުރެވެން އޮތިއްޔާ ކުރާނަން" ޝަމީމްގެ ވާހަކައިގައި ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ކުޑަކުދިން ހިމެނޭ ކުށްތަކުގައި ދައުވާ ކުރުމުގައި ޤާނޫނީ ގޮތުން ހުރަސްތަކެއް ހުރިކަމަށާއި، ނަމަވެސް ކުޑަކުއްޖަކު ބޭނުންކުރާ މީހެއްގެ މައްޗަށް ދައުވާ ކުރާކަށް ގާނޫނުގައި ހިފެހެއްޓުންތެރިކަމެއް ނެތް ކަމަށެވެ.

"..ކުޑަކުއްޖަކު ބޭނުންކޮށްގެން ކުށެއްކޮށްފިއްޔާ، އެ ކުށުގެ ދައުވާގެ އިތުރުން ކުޑަކުއްޖަކު ބޭނުންކޮށްގެން ކުށްކުރީތީވެ، އެކަމަށްވެސް ވަކިން އަޅުގަނޑުމެން ދައުވާކުރާން"، ޝަމީމް ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންނަށްވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލައި މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފާކަން ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ޕީޖީން ހާމަކުރިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27)، މައްޗަށް 13 ދައުވާއެއް އުފުލައިވެއެވެ. ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ގަސްތުގައި މީހަކު މަރާލުން، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ހިމެނެއެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ