މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާ، އޭނަގެ ކުރީގެ ލޯބިވެރިޔާ ޓްރޭވިސް ސޮކޮޓްގެ ދެވަނަ ދަރިއަކަށް ބަލިވެ އިންކަން ބޭރުގެ ގިނަ މީޑިއާތަކުގައި ރިޕޯޓުކޮށްފިއެވެ.
އެގޮތުން ކައިލީ އިނީ ދެވަނަ ދަރިފުޅަށް ބަލިވެކަން، އޭނައާއި ގުޅުން ހުރި ގިނަ މަސްދަރުތަކުން އެކި މީޑިއާތަކަށް ކަށަވަރުކޮށްދީފައިވާކަން އެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ކައިލީ އާއި ޓްރޭވިސް އަދި މިކަމާއި ގުޅިގެން އެއްވެސް ބަހެއް ނުބުނެއެވެ.
ކައިލީ އާއި ޓްރޭވިސް އަށް ލިބިފައިވާ 3 އަހަރުގެ އަންހެން ދަރިފުޅު، ސްޓޯމީ ލިބުމާއެކު، ކައިލީވަނީ މަންމައަކަށް ވުމުން ކުރެވޭ އިހްސާސްތަކަކާ ގުޅޭގޮތުން އެކި ޕްރެސް އިންޓަވިއުތަކުގައި ވާހަކަދައްކައިފައެވެ. އަދި ސްޓޯމީ ލިބުނުތާ މަހެއްހާ ދުވަސްފަހުން ކައިލީ ވަނީ ދެވަނަ ދަރިފުޅެއް ހޯދަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.
ނަމަވެސް ސްޓޯމީ ލިބުނުފަހުން ކައިލީ އާއި ޓްރޭވިސް ގެ ގުޅުން ނިމުމަކަށްވެސް އައެވެ. ނަމަވެސް އޭގެ ފަހުންވެސް ދެމީހުން ގުޅުނު ކަމުގެ ހަބަރުތައް މީޑިއާގައި ފެތުރުނުއިރު، މިފަހަކަށް އައިސް ދަރިފުޅު ސްޓޯމީގެ ކަންކަމުގައި ދެމީހުން އެކުގައި ފެންނަލެއް އިތުރުވެފައިވެއެވެ. ނަމަވެސް ދެމީހުން ގުޅުނު ކަމަށް ބުނެ މީޑިއާގައި ހަބަރު ފެތުރުމާއެކު، ކައިލީ ވަނީ ހަދަހަދައިގެން މީޑިއާގައި ވާހަކަ ޖަހަނީ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ފަހުންވެސް ދެމީހުން އެކުގައި ނަގައިފައިވާ ފޮޓޯއެއް ވަނީ މިދިޔަ ޖޫން މަހު އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ.
ކައިލީ އާއި ޓްރޭވިސް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ބޭރުގައި ގިނަ މީޑީއާތަކުގައި ވަރަށް ޔަޤީންކަމާއެކު ވަނީ ރިޕޯޓުކޮށްފައެވެ. އަދި ގިނަ ފޭނުން ތިބީ ކައިލީ އާއި ޓްރޭވިސް މި ހަބަރު ޔަޤީންކޮށްދޭނެ ވަގުތަކަށް ކެތްމަދުވެފައެވެ.




