ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމް "ސްޕައިޑަރ މޭން" ގެ ތިން ވަނަ ބައި "ސްޕައިޑަރ މޭން: ނޯ ވޭ ހޯމް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމްގެ ޓީޒާ ޓްރެއިލާ މިއަދު ރިލީޒްކޮށްފައި މިވަނީ، ޓްރެއިލާ ލީކު ވެގެން އުޅޭކަމުގެ އަޑުތަކެއް އިއްޔެ ފެތުރިފައިވަނިކޮށެވެ. އަދި ފިލްމްގެ ޓްރެއިލާ ރިލީޒްނުކޮށްގެން ގިނަ ބަޔަކު އެކަމާއި ބަހުސްކުރަމުން އައި ދަނޑިވަޅެއްގައެވެ.
ސޮނީ އާއި ޑިޒްނީއިން އުފައްދާ މާވެލްގެ ސިނަމެޓިކް ޔުނިވާރސްގެ ތެރެއިން ގެނެސްދޭ "ސްޕައިޑަ މޭން: ނޯ ވޭ ހޯމް" ގެ މި ޓްރެއިލާގެ ދިގު މިނަކީ 3 މިނެޓާއި 3 ސިކުންތެވެ. މި ޓްރެއިލާ ޔޫޓިއުބްގައި ރިލިޒްކުރިތާ ގާތްގަނޑަކަށް ދެ ގަޑިއިރު ވެފައިވާއިރު، މިހާރުވެސް ޓްރެއިލާއަށް ތިން މިލިއަނެއްހާ ވިއުސް ލިބިފައިވެއެވެ.
“ސުޕައިޑަރ މޭން ފާ ފްރޮމް ހޯމް” ގައި އެންމެ ފަހުން ހިނގާފައިވާ ހާދިސާއަށް ބަލާއިރު، ފިލްމްގެ ޕޯސްޓް ކްރެޑިޓް މަންޒަރުގައި، ސްޕައިޑަމޭންއަކީ ކާކުކަން ފިލްމްގެ ވިލަން “މިސްޓީރިއޯ” މުޅި ދުނިޔެއަށް ވަނީ ފަޅާއަރުވާލަފައެވެ. އެހެންކަމުން މިފަހަރުގެ ފިލްމްގައި އެންމެންނަށް ސްޕައިޑަމޭންގެ އައިޑެންޓިޓީ އެނގުމުން ޕީޓާ ޕާކާ އަށް ކުރިމަތިވާ ކަންކަން ދައްކުވައިދެއެވެ.
ޓްރެއިލާއިން ފެނިގެންދާ މަންޒަރުތަކަށް ބަލާއިރު، ފިލްމްގައި ސްޕައިޑަމޭން އާއިއެކު އޭނަގެ ގާޑިއަންއެއްގެ ގޮތުގައި މިފަހަރު އުޅެނީ ޑޮކްޓަރ ސްޓެރޭންޖެވެ. އަދި މީގެ ކުރިން ސްޕައިޑަމޭން ފިލްމްތަކުގައި ފެނިގެންދިޔަ އެންމެ ވަރުގަދަ ވިލަން "ޑޮކްޓަރ އޮކްޓޮޕަސް" ފެނިގެންދާ މަންޒަރެއްވެސް ޓްރެއިލާއިން ފެނިގެންދެއެވެ.
މާވެލް ސްޕައިޑަމޭން ސީރީޒްގެ ކުރީ ދެ ފިލްމްގައިވެސް ސްޕައިޑަމޭންގެ ރޯލު ކުޅެފައިވާ އެކްޓަރު ޓޮމް ހޮލެންޑް ފެނިގެންދާއިރު، ޓޮމް އިތުރަށް ބުނީ، ފިލްމްގައި ސްޕައިޑަމެންގެ ލޯބިވެރިޔާ "އެމް ޖޭ" ގެ ރޯލު ކުޅަމުން އަންނަ ޒުވާން ތަރި "ޒެންޑެޔޭ" މިފަހަރުގެ ފިލްމުންވެސް ފެނިގެންދާނެކަމަށެވެ.



