ގޭންގަކުން 23 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި

އިންޑިއާގައި ގޭންގް މީހުންތަކެއް ވެގެން ރޭޕްކުރި 23 އަހަރުގެ ދަރިވަރަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

މި ހާދިސާ ހިނގީ ކަރްނާޓަކާ ސްޓޭޓް މައިސޯރް ސިޓީ ގައެވެ. އެ ސަރަހައްދުގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި، ރޭޕްގެ ޝިކާރައަކަށްވި މި އަންހެން ކުއްޖާގެ ހާލު ފުރަތަމަ ސީރިއަސްވި ނަމަވެސް، މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނީ، ރޭޕްކުރި ކަމަށް ތުހުމަތު ކުރުވޭ 5 ފިރިހެނުން އެމީހުން ހޯދަމުން ދާކަމަށެވެ. މި މީހުންގެ މައުލޫމާތު ފުލުހުންނަށް ހާމަކުރީ އަންހެންކުއްޖާއާއެކު އެވަގުތު ހުރި އޭނަގެ ފިރިހެން ރައްޓެއްސެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގީ އެ ސަރަހައްދުގައި އޮންނަ ޖަންގަލި ބޯ އުސް ސަރަހައްދެއްގައެވެ. މި ސަރަހައްދަކީ ވަރަށް ގިނަ ލޯބިވެރިން ޖަމާވެ އުޅޭ ސަރަހައްދެއްކަމަށް ވެއެވެ.

ރޭޕްގެ ޝިކާރައަކަށްވި 23 އަހަރުގެ އަންހެންކުއްޖަކީ އިންޑިއާގެ ކޮލެޖެއްގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ އެ އަންހެން ކުއްޖާއާއި އެކު އައި ކޮލެޖުގެ ފިރިހެން ރައްޓެއްސަކު ސިޓީއަށް އެނބުރި އައި މަގުމަތީ ފިރިހެނުންތަކެއް މަގުމަތިން ދިމާކޮށް ފުރައްސާރަކުރި ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ދިމާކުރި ފިރިހެނުންތައް ހުރީ މަސްތުގެ ހާލަތުގައެވެ

ފުލުހުންގެ އޮފިޝަލުން ބުނީ، އެމީހުންނަށް ދިމާކޮށް ފުރައްސާރުކުރިއިރު، ފުރަތަމަ އެމީހުން ހަމަލާދިނީ އަންހެން ކުއްޖާއާއިއެކު އައި ފިރިހެން ކުއްޖާއަށް ކަމަށެވެ. އެގޮތުން އޭނަގެ ގަޔަށް އަތްލާ، އަތުގައި އޮތް ރާ ފުޅި އޭނަގެ ގަޔަށް އުކި ކަމަށް ބުނެފައިވެއެވެ.

ދިމާކުރި މީހުންތައް ފުރަތަމަ އެ ދެ މީހުންގެ އަތުން ފޭރެން އުޅުނުނަމަވެސް، ފަހުން ފިރިހެން ކުއްޖާގެ ގައިގައި ތަޅާ އަނިޔާކުރުމަށްފަހު، އަންހެން ކުއްޖާ ގަދަކަމުން އެހެން ތަނަކަށް ގެންގޮސް ރޭޕްކުރީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މައިސޯރްގެ ޕޮލިސް ކޮމިޝަނަރ ބުނީ، އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުކަމަށާއި، ފުލުހުންގެ ގިނަ ޓީމުތަކަކުން އަންނަނީ ރޭޕްކުރި ގޭންގް މީހުންތައް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިއީ ވަރަށް ސެންސިޓިވް ކޭސްއަކަށް ވުމުން އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

އިންޑިއާގައި ގޭންގް ރޭޕްގެ ލާއިންސާނީ އެތައް ހާދިސާއެއް ހިނގަމުން އަންނައިރު، 2012 ވަނަ އަހަރު 23 އަހަރުގެ އަންހެން ކުއްޖަކު ބަހެއްގެ ތެރޭގައި ރޭޕްކުރި ހާދިސާއަކީ މުޅި ދުނިޔެ ރޮއްވާލި ހާދިސާއެކެވެ. މި ހާދިސާގައި ލިބުނު ޒަހަމްތަކުގެ ސަބަބުން އޭނާ ވަނީ ދުނިޔެ ދޫކޮށްފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ