މިހިނގާ ދިރާސީ އަހަރަށް ޗާޕުކޮށްފައިވާ ގުރޭޑް އެކެއްގެ ދަރިވަރުންގެ ކްރިއޭޓިވް އާޓްސް ފޮތްތައް ދަރިވަރުން އަތުން ނެގުމަށް އެންގީ، ގުރޭޑު 1 ގެ މުޤައްރަރުތައް އިސްލާޙު ކޮށްފައިވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ނީ ގުރޭޑު 1ގެ މުގައްރަރުތައް އިސްލާހު ކޮށްފައިވާތީ 2021 ގެ ދިރާސީ އާ އަހަރު ގުރޭޑު 1ގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ، ގެނައި އިސްލާހާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އާ ފޮތްބަޔަކުން ކަމަށެވެ.
އެ ގޮތުން މިހިނގާ ދިރާސީ އަހަރާއި، ކުރިޔަށް އޮތް އަހަރުތަކުގައި ވެސް ގުރޭޑު 1ގައި ކިޔަވާ ދަރިވަރުންނަށް ކްރިއޭޓިވް އާޓް ކިޔަވައިދިނުމަށް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ މުދައްރިސުން ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ މުދައްރިސުންގެ ފޮތަކާއި، ކުރެހުމުގެ ނަމޫނާ ދެއްކުމުގެ ގޮތުން ކުލާހުގައި ހާއްސަކޮށް ގުރޫޕުތަކުގައި ބޭނުން ކުރުމަށް، ތައްޔާރު ކޮށްފައިވާ ސައިޒުގެ ގޮތުން ބޮޑު ހާއްސަ ރެފަރެންސް ފޮތެއް ކަމަށް އެޑިއުކޭޝަނުން ވިދާޅުވިއެވެ.
އެ ފޮތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 5 ދަރިވަރުންގެ ގްރޫޕްތަކުގައި ކަމަށާއި ކްރިއޭޓިވް އާޓު މާއްދާ ގުރޭޑު 1ގެ ދަރިވަރުންނަށް ކިޔަވާދޭން ދަރިވަރުންގެ ފޮތެއް ނޯންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެޑިއުކޭޝަނުން ވިދާޅުވީ، އެގޮތަށް ކަނޑައަޅާފައިވަނީ، މި މާއްދާއަކީ އެހެން މާއްދާތަކާ ޚިލާފަށް މާއްދާގެ ފަންނީ ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ގިނަ ޢަމަލީ މަސައްކަތްތަކެއް ކުރުވާ ފަންނީ މާއްދާއަކަށް ވާތީ ކަމަށެވެ.




