ގުރޭޑް އެކެއްގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި ސޫރަތެއްގެ އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ސަމާލުކަމަށް ގެނެސްފިއެވެ.
ނުބައިކޮށް ލިޔެވިފައިވަނީ ގުރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް އައްނަބައު ސޫރަތުގެ 24ވަނަ އާޔަތުގެ މެދު ތެރެއިންނެވެ. އެގޮތުން ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ.
މިމައްސަލަ ސޯޝަލް މީޑިއާގައި އާންމުންގެ ސަމާލު ކަމަށް ގެނެސްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ
ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގްރޭޑް 01 ގެ ޤުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދަނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްހާން ފަހުމީ ކަމަށެވެ.
އަޒަހާން އަަށް ތައުރީފުކޮށް ޝަހީމް ވިދާޅުވީ، އެކަމުން ރަމްޒުކޮށްދެނީ އެ ދަރިވަރު ޤުރުއާނަށް ހޭލުންތެރިވެފައިވާ މިންވަރުކަމަށެވެ. ޝަހީމް ވަނީ އެކަން އެބޭފުޅާގެ ސަމާލުކަމަށް ގެެނެސްދެއްވި އެ ދަރިވަރުގެ ބޭބެއަށާއި އަދި ދަރިވަރުގެ މައިބަފައިންނަށް ޝުކުރު އަދާކޮށްފައެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް އަދި ބަހެއް ބުނެފައެއް ނުވެއެވެ.



