ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ލިޔެފައިވާ ޤްރުއާންގެ ބައެއް އާޔަތްތަކުގައި ކުށް އޮތީ ބަލަންވީވަރަށް ނުބެލުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބު ވިދާޅުވީ، ޤުރުއާނާއި އިސްލާމް ފޮތްތަކުން ސޫރަތްތައް ނަގަނީ ހުރިހާ ހިސާބެއްގައިވެސް ބޭނުންކުރާ އަދި އިތުބާރު ހުރި އެޕްލިކޭޝަނަކުންކަމަށެވެ. އަދި މީގެ ކުރިންވެސް މި ފަދަ ކުށްތަށް ފާހަގަކުރެވިފައިވާކަމަށާއި، އަދި އެ ކުށްތައް ފާހަގަވުމުން އެކަން ރަނގަޅު ކުރާކަމަށެވެ.
ގްރޭޑް 1، 2، ގެ ޤްރުއާން ފޮތުގައި ލިޔެފައިވާ ސޫރަތުގެ އާޔަތްތަކުގައި ކުށް ލިޔެވިފައިވުމުގެ އިތުރުން، ގްރޭޑް 10 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ލިޔެފައިވާ ސޫރަތްތަކުން ކުށް ފެނިފައިވާ މައްސަލައެއް ވަނި ފެންމަތިވެފައެވެ.
ޝަކީބް ވިދާޅުވީ، އެޕްލިކޭޝަން އިން ސޫރަތުގެ އާޔަތްތައް ނަކަލު ކުރާއިރު، މީގެ ކުރިންވެސް ޗާޕްކޮށް ނެރެފައިވާ އިސްލާމް ފޮތްތަކުން ކުށް ފެނިފައިވާކަމަށެވެ. އަދި އެކަން ސަމާލުކަމަށް އައިސް، ޕްރޫފް ރީޑުކުރުމަށްފަހު އެ ކުށްތައް ރަނގަޅުކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް ޝަކީބް ވިދާޅުވީ، މިއަހަރު އަލަށް ނެރުނު ގްރޭޑް 1ގެ ޤްރުއާން ފޮތުން ކުށްއޮތީ، ޕްރޫފްރީޑް ކުރުމުގައި ބަލަންވީ ވަރަށް ނުބެލުމުންކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، މި ފޮތްތަކުގައި ކުށް އެބަހުރިކަމަށެވެ. އޭތެރެއިން މިއަހަރު އަލަށް ނެރުނު ގްރޭޑް އެކެއްގެ ގްރުއާން ފޮތުގައި ވަރަށް ބޮޑު ކުށެއް ލިޔެވިފައިވާކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓަރ ވިދާޅުވީ، މި މައްސަލަ ފާހަގަކުރެވުނު ހިސާބުން، މި ކުށް އިސްލާހުކޮށް އެ ފޮތުގެ އެ ޕޭޖު ބަދަލުކުރުމުގެ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.
މި ފޮތްތަކަކީ އެންއައިއީ ބެއްލެވުމަށްފަހު އިސްލާމިކް މިނިސްޓްރީން ފާސްކުރުމަށްފަހު ޕްރިންޓްކުރެވިފައިވާ ފޮތްތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ފޮތްތަކުގައި ކުށް ލިޔުމަށް މެދުވެރިވި ސަބަބު ހޯދަމުންދާކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، އިތުރު ކުށްތަށް ފާހަގަކުރެވިފައިވާ ގްރޭޑް ދެއެއްގެ އިސްލާމް ފޮތަކީ 2015 ވަނަ އަހަރު ފާސްކޮށްގެން ދަރިވަރުން މިހާތަނަށް އައިއިރުވެސް ބޭނުންކުރަމުން އައި ފޮތްކަމަށެވެ. އަދި ގްރޭޑް 10 ގެ ފޮތާއި 12 ފޮތުންވެސް ކުށް ފާހަގަކުރެވިފައިވާއިރު، އެއީ 2018 ވަނަ އަހަރުގެ 27 އޮކްޓޯބަރުގައި ފާސްކޮށްފައިވާ ފޮތްތަކެއް ކަމަށެވެ. ނަމަވެސް މީގެ ކުރިން މި ފޮތްތަކުން ކުށްތަށް ފާހަގަނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.




