ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހަތަރު ގްރޭޑެއްގެ އިސްލާމް އަދި ޤްރާއަން ފޮތުގައި ހިމަނައިފައިވާ ސޫރަތްތަކުގެ ބައެއް އާޔަތްތަކުގައި ކުށް ލިޔެވިފައިވާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނި ދަރިވަރުންގެ އަތުން އެ ފޮތްތައް ނަގާ މައްސަލަ ދިމާވި ގޮތް ދެނެގަތުމަށް މިނިވަން ކޮމިޓީތަކެއް އެކުލަވާލައިފައެވެ.
އެޑިއުކޭޝަން އިން ވިދާޅުވީ، ފޮތްތައް ބަލާ ޕްރޫފްރީޑްކުރުމުގެ މަސައްކަތަށް އެކުލަވާލި ކޮމިޓީގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. އަދި މި ކޮމެޓީ އެކުލަވާލާފައިވަނީ ކޮންމެ ގްރޭޑަކަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މި ޓީމް ތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައި ކޮންމެ ޓީމަކުންވެސް، ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްޞީލް ރިޕޯޓެއް އެކުލަވާލާނެ ކަމަށް އެޑިއުކޭޝަނުން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވިދާޅުވީ، ކުށް ފެނިފައިވާ އިސްލާމް އަދި ޤުރްއާން ފޮތްތަކުގައި ހުރި މައްސަލަތައް ދިމާވާން މެދުވެރިވި ގޮތް ދެނެގަތުމަށް އެކުލަވާލެވުނު ކޮމެޓީގެ މަސައްކަތް ނިންމާ 7 ދުވަހުގެ ތެރޭގައި މިނިސްޓަރަށް ރިޕޯޓު ހުށަހަޅާނެ ކަމަށެވެ. އަދި ރިޕޯޓުގެ ނަތީޖާއަށް ބަލައި ބަދަލު ގެންނަންޖެހޭ ކަންކަމަށް ބަދަލު ގެނެވޭނެ ކަމަށްވެސް އެޑިއުކޭޝަނުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި އެޑިއުކޭޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މި މައްސަލައިގައި އިހުމާލުވެފައިވާ ކަމަށާއި، އަދި އިހުމާލު މީހުން ހޯދާނެކަމަށެވެ.




