ނެޓްފްލިކްސް އިން 2019 ވަނަ އަހަރު ގެެނެސްދިން ކްރިސް ހެމްސްވޮތްގެ ކާމިޔާބު ފިލްމް، "އެކްސްޓްރެކްޝަން"ގެ ދެވަނަ ބައިގެ ޓީޒާއެއް ދައްކާލައިފިއެވެ.
މާވެލްގެ “ތޯ” ގައި ސުޕަހީރޯގެ ރޯލު ކުޅެގެން އާއްމުންގެ މެދުގައި މަޝްހޫރުކަން ހޯދި ހޮލީވުޑްގެ ތަރި ކްރިސްހެމްސް ވޮތް ލީޑު ރޯލު ކުޅުނު މި ފިލްމްގެ ފުރަތަމަ ބައި ނިމިގެންދިޔައިރު، ހީވެފައި އޮތީ ކްރިސް ކުޅުނު ކެރެކްޓަރ 'ޓައިލާ ރޭކް' މަރުވީ ކަމަށެވެ. ފިލްމް ނިމިގެންދަނީ ބްރިޖެއްގެ މަތިން ޓައިލާ ގަޔަށް ވަޒަން އަރާ މޫދަށް ވެއްޓޭ ހިސާބުންނެވެ. އަދި ފިލްމް ގައި ކްރިސް މަރުވާކަމަށް ދެއްކިނަމަވެސް، އޭނާ މަރުވީތޯ ޔަޤީންކޮށްދީފައެއް ނުވެއެވެ.
އެއާއެކު މި ފިލްމްގެ ދެވަނަ ބައެއް ގެނެސްދިނުމަށް ފޭނުން އެދުމުން، މި ފިލްމްގެ ދެވަނަ ބައެއް ގެނެސްދޭނެކަން އިއުލާންކޮށްފައިވާއިރު، ދެވަނަ ބައިގެ ފުރަތަމަ ޓީޒާ ނެރެފައި ވަނީ އިއްޔެއެވެ.
މި ޓީޒާ އިން ދައްކައިދިން ގޮތުގައި، ކްރިސްގެ ކްރެެކްޓަރ 'ޓައިލާ' މަރެއް ނުވެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ޓީޒާ ގައި ހާމައެއް ނުކުރެއެވެ.
އެކްސްޓްރެކްޝަން ވެގެންގޮސްފައިވަނީ، 2019 ވަނަ އަހަރު ނެރުނު މަދު އެކްޝަން ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމަށެވެ. މި ފިލްމްގައި ބޮލީވުޑްގެ ތަރި ރަންދީޕް ހޫދާވެސް ފެނިގެންގޮސްފައިވެއެވެ.
މި ފިލްމް ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރިނަމަވެސް، ނެޓްފްލިކްސް އިން ބުނީ ވަރަށް އަވަހަށް ފިލްމް އަންނާނެކަމަށެވެ.




