ޖުލައި މަހުގެ ކަރަންޓް ބިލު ބޮޑުވީ އެ މަހުގައި ކަސްޓަމަރުންނަށް ލިބިފައި ވާ ބިލުތަކުގައި ޑިސްކައުންޓް ހިމެނިފައި ނުވާތީކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.
މި އަހަރުގެ ޖުލައި މަހު މާލޭ ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އައިސްފައިވެއެވެ.
މި މައްސަލައިގެ ޝަކުވާ ލިބުމާއެކު ޖުލައި މަހުގެ 30 ވަނަ ދުވަހު އެކަން ބެލަން ފެށުމަށްފަހު، ޔުޓިލިޓީ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސްޓެލްކޯއިން ޖުލައި މަހުގައި ފޮނުވާފައި ބިލަކީ ގާތްގަނޑަކަށް ޖޫން 10 އިން ޖުލައި 10 އާ ދެމެދުގައި ކަރަންޓް ބޭނުންކޮށްފައި ވާ ވަރަށް ބިލްކޮށްފައިވާ ބިލުތަކަކަށް ވިޔަސް، ބިލް ފޮނުވާފައިވަނީ ޖުލައި މަހުގެ ފަހުކޮޅުގައިކަމަށްވާތީ، ޢީދު ބަންދުގެ މުއްދަތު (ޖުލައި 19- 30 އަށް) ބިލުކުރި މުއްދަތު ނުހިމަނާ ކަމަށެވެ.
އެހެންކަމުން ޢީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި ވަރު ޖުލައި މަހުގައި ލިބުނު ބިލުތަކުގައި ހިމެނިފައި ނުވާތީ އެ ބިލުތައް ކުޑަ ނުވީކަމަށް ޔުޓިލިޓީ އޮތޯރިޓީން ބުންޏެވެ. އަދި ޢީދު ބަންދުގެ މުއްދަތުގައި ކަރަންޓު ބޭނުންކުރެވުނު .މިންވަރު ފެންނާނީ އޮގަސްޓު މަހުގައި ލިބުނު ބިލުތަކުން ކަމަށް އެ އަތޯރިޓީން ފާހަގަކުރިއެވެ.
މީގެ އިތުރުން ޖުލައި މަހުގައި ކަސްޓަމަރުންނަށް ލިބިފައި ވާ ބިލުތަކުގައި ޑިސްކައުންޓް ހިމެނިފައި ނުވާތީ އެ ތަފާތު ބިލުތަކުން ދެއްކީ ކަމަށްވެސް ޔުޓިލިޓީ އޮތޯރިޓީން ބުންޏެވެ.
ޖޫން މަހުގައި ކަސްޓަމަރުންނަށް ލިބިފައިވާ ބިލުތަކަށް (މެއި އިން ޖޫން އަށް ކަރަންޓު ބޭނުންކުރިވަރު) ސަރުކާރުން %40 ގެ ޑިސްކައުންޓެއް ދީފައިވެއެވެ. ނަމަވެސް ކޮވިޑް ޖުލައި މަހުން ފެށިގެން ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައެއް ނުވެއެވެ.
މީގެ ކުރިން ސްޓެލްކޯއިން ވެސް ބުނީ، ޖުލައި މަހުގެ ކަރަންޓް ބިލު ބޮޑުވީ ޑިސްކައުންޓް ކަނޑާލުމާއި ގުޅިގެން ކަމަށެވެ. ސަރުކާރުން ކުރިން ބިލުތަކަށް ޑިސްކައުންޓް ދީފައިވަނި ކޮވިޑް -19 ގެ ހާލަތާއި ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.



