މިލިއަނެއްހާ ބަރަހަނާ ފޮޓޯ ލީކު ކުރި މީހާގެ ބަންދަށް އިތުރު 15 ދުވަސް

ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ގިނަ ބައެއްގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު، 36، އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް 15 ދުވަސް އިތުރުކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ މުހައްމަދު މަސާއިދުގެ މައްޗަށް 11 ދައުވާއެއް ކޮށްފައިވާ ކަމަށެވެ.  އެކި ދުވަސްވަރު މަތިން އެކި މީހުންގެ މީސްމީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގައެވެ.

މަސާއިދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް:

  • އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ
  • އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ
  • އެނގިހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ
  • އެނގިހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ
  • އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
  • އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ

މަސާއިދު ބިން ސަމީއުގެ އޮފީހުގައި ބޭނުން ކުރާ ކޮމްޕިއުޓާ ސިސްޓަމުގެ ދެ ހާޑް ޑްރައިވް ތަހުލީލު ކުރުމުން މިލިއަނަކަށް ވުރެ ގިނަ ބަރަހަނާ ފޮޓޯއާއި މީހުންގެ ޕާސަނަލް ފައިލްސް ފުލުހުން ވަނީ ހޯދައިފައެވެ.

އޭނާގެ މައްޗަށް ކުރަނީ ސައިބާ ކްރައިމްގެ ތުހުމަތެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ