ނޭޕާލް ބަލިކޮށް އަވަށްޓެރި އިންޑިއާއިން އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ކާމިޔާބުކޮށްފިއެވެ.
މި މެޗުގައި އިންޑިއާއިން ޖެހި 3 ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފްގެ ތެރޭގައެވެ. އަދި ފުރަތަމަ ދެ ލަނޑު ޖަހާފައިވަނީ ފުރަތަމަ ލަނޑު ޖެހިތާ، ދެ މިނެޓު ތެރޭގައި ޖެހިޖެހިގެންނެވެ.
މިއީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް މިބާރާތުގެ ތަށިއުފުލާލި އަށްވަނަ ފަހަރެވެ. އަދި މިފަހަރުގެ މުބާރާތުގައި އިންޑިއާއިން ތަށިއުފުލާލައިފައި މި ވަނީ މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެއެވެ.
އެންމެފަހުން އިންޑިއާ މި މުބާރާތް ކާމިޔާބުކުރީ 2015 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އަފްގާނިސްތާން ބަލިކޮށްގެންނެވެ. އޭގެފަހުން 2018 ވަނަ އަހަރުވެސް މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރި ނަމަވެސް، އެފަހަރު ރާއްޖެ ވަނީ އިންޑިއާ ބަލިކޮށް ތަށި އުފުލާލައިފައެވެ.

ގަލޮޅު ރަސްމީ ސްޓޭޑިއަމްގައި މިރޭ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކައިފައިވަނީ ވެސް އިންޑިއާ ޓީމެވެ. އެގޮތުން ފުރަތަމަ ހާފުގައިވެސް އިންޑިއާއިން ނޭޕާލް ކޮޅަށް މޮޅެތި އަދި ވަރުގަދަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ގޯލެއް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.
ބޯ ވާރޭ ތެރޭގައި ކުޅުނު މި މެޗުގައި އިންޑިއާއިން ދެ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. އަދި އެއާ ޖެހިގެން 50 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖަހާފައި ވަނީ ސުރޭޝް ސިންހްއެވެ.
މެޗު ނިމެން ގާތްވެފައި ވަނިކޮށް އިންޑިއާއިން ވަނީ ތިންވަނަ ގޯލެއް ޖަހައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސަހަލް އަބްދުލް ސަމަދު އެވެ.



