ރ. ވާދޫގެ ކައުންސިލުން އިސްނަގައިގެން، އެރަށުގައި މީދާ ހިފުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދެއް ކަމުގައި ވާދޫ ކައުންސިލުން ވިދާޅުވެފައިވަނީ، މީދަލުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމާއިި ވާދަވެރިކަމުގެ ރޫހާއެކު ރަށުން މީދާ މަދުކުރުން ކަމަށެވެ.
"މީދާ މަދުކުރުމުގެ މުބާރާތް" ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 18:00 އިން ފެށިގެން 2021 ޑިސެމްބަރ 05 ވާ އާދީއްތަ ދުވަހު 12:00 ގެ ނިޔަލަށެވެ.
މިމުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމު ފުރިހަމަ ކުރައްވާ، 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުމަށް ވާދޫ ކައުންސިލުން ވިދާޅުވިއެވެ.



