ޅ.މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.
ކުރެއްދޫ ހޯލްޑިންސްއާއެކު ސަރުކާރުން ތަރައްގީކުރި މި އެއާޕޯޓަށް ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ޚަރަދުކޮށްފައިވެއެވެ. ދެއަހަރު ތެރޭގައި ނިންމާ ގޮތަށް ކުރެއްދޫ ހޯލްޑިންސްއާއެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018 ގައެވެ. މި އެއާޕޯޓު ނިއްމުމަށް މުއްދަތު ދީފައި އޮތީ މިއަހަރު ނިމުމުގެ ކުރިންނެވެ.
މަޑިވަރު އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސާފައި ވަނީ މިއަދު ހެނދުނު 09:50 ހާއިރު އެވެ. ޓެސްޓު ފްލައިޓު އޮޕަރޭޓް ކޮށްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.
We operated a test flight to Lh. Madivaru today. pic.twitter.com/4caLVClQiN
— Maldivian (@MaldivianAero) December 25, 2021
ޓެސްޓް ފްލައިޓް ޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) ގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި އެއާޕޯޓަށް މިއަދު ޓެސްޓު ފްލައިޓް ޖެއްސިނަމަވެސް، އެއާޕޯޓުގެ ޝެޑިއުލް ދަތުރުތައް ފަށާނެ ސީދާ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އަދި އެއާޕޯޓު ހިންގަން ހަވާލުކުރާނެ ބަޔަކުވެސް އަދި ކަނޑައަޅައިފައެއް ނުވެއެވެ. ނަމަވެސް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނާ މި އެއާޕޯޓު ހިންގަން ހަވާލު ކުރުމުގެ މަޝްވަރާތައް މީގެ ކުރިން ވަނީ ކޮށްފައެވެ.

މި އެއާޕޯޓުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. މި އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފަވަނީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ.




