މާލެ ރައްޔިތުންގެ ހައްގުގައި، ހުޅުމާލެ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އުވާލަންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ބީލަމުގެ އުސޫލުން 60 ގޯތި ވިއްކުމަށް ހުޅުމާލެ ޑެވެލޮޕްމެންޓް ކޯޕަރޭޝަނުން (އެޗްޑީސީ)އިން ހުޅުވާލުމާއި ގުޅިގެން، ސަރުކާރުގެ އިސްބޭފުޅުންވެސް ހިމެނޭގޮތަށް ގިނަ ބަޔަކު އެކަމަށް އަންނަނީ ފާޑުކިޔަމުންނެވެ.
ހުޅުމާލެ ދެވަނަފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް ހުޅުވާލުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައިވަނިކޮށް، މުއިއްޒު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މާލެ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަކަށް އެޗްޑީސީ ވެފައިވާ ކަމަށެވެ. އަދި އެޗްޑީސީ އުވާލާ މާލެގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދަކީ ގާނޫނުގައި ބުނާ ފަދައިން ރައްޔިތުން ހޮވާފައިވާ ކައުންސިލުން ބަލަހައްޓާ ތަނަކަށްވާންޖެހޭ ކަމަށެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލެ ދެވަނަފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 14603.07(އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި 2,633.93 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް ނުވައެއް ތިނެއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 (ފަސްދޮޅަސް) ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
Male rayytihunge haggugai HDC uvaalan mihaaru ebajehey. Male rayyithunge hagguthakah oi hurahakah HDC vanee mihaaru vefai. HDC uvaalaa Male ge ihthisaas ge thereygai himeney sarahahdhakee Qaanoon gai bunaa fadhain rayyithun hovaafaivaa council in balahattaa thanakahvaanjehey
— Dr Mohamed Muizzu (@MMuizzu) December 28, 2021
މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، މާލެ ސިޓީކައުންސިލުން ޤަބޫލުކުރާގޮތުގައި،ހުޅުމާލެ އަކީ މާލެ ސިޓީގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ތަނަކަށްވެފައި، މާލެ ސިޓީކައުންސިލްގެ އެއްވެސް ބަހެއްނެތި،މާލެ ސިޓީގައި ދިރިއުޅޭ މާލެ ސިޓީގެ ރައްޔިތުންގެ ތެރެއިން މިހާރުން މިހާރަށް ގޯތިގެދޮރުގެ މުހިންމުކަން ބޭނުންވެފައިވާ ވަރަށްގިނަ އާންމު ރައްޔިތުން ތިއްބައި، އެފަދަ މީހުންނަށް ގޯތިގެދޮރު ލިބޭނެ ފުރުޞަތުނުދީ، ހަމައެކަނިމުއްސަނދިންނަށް ހުޅުވާލި ހުޅުވާލުން ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.
"މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތިލިބޭނެގޮތް ފަހިކޮށްދިނުމުގެ ބަދަލުގައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން އެޗްޑީސީން ނިންމިނިންމުމަކީ ލާމަރުކަޒީ ޤާނޫނާއި ޚިލާފްކަމެއް ކަމުގައި ދެންނެވީމެވެ.ލާމަރުކަޒީ ޤާނޫނުގެ 5 ވަނަ ބާބުގެ 39 ވަނަ މާއްދާގެ (s) ގައި ބަޔާންކޮށްފައިވާފަދައިން މާލެ ސިޓީކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭބިމެއް ބޭނުންކުރާނަމަ އެކަމާއި ގުޅޭގޮތުން މާލެ ސިޓީކައުންސިލާއި މަޝްވަރާ ކުރަންޖެހޭނެއެވެ. އެހެންނަމަވެސް ލާމަރުކަޒީ ނިޒާމުގައި ބަޔާންކޮށްފައިވާފަދައިން ސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލުވެސް ހޯދާފައިނުވާއިރު، އެޗްޑީސީއިންވެސް އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުންވެސް މިކައުންސިލާއި އެކު އެފަދަ އެއްވެސް މަޝްވަރާއެއްވެސް ކުރިއަށް ގެންގޮސްފައިނުވެއެވެ." ސިޓީ ކައުންސިލުގެ ބަޔާނުގައިވެ އެވެ.
ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީކައުންސިލުން ނިންމި ނިންމުމަށް ޢަމަލުކުރުން މަޑު ޖައްސާލުމަށް ސިވިލްކޯޓުން އަންގާފައިވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމައިފައެވެ.
އެހެންކަމުން ހުޅުމާލެ ބިމުގެ ވެރިފަރާތާއިމެދު ވަކިގޮތެއްނުނިމި ކޯޓު މަރުޙަލާގައި އޮއްވައި އެޗްޑީސީއިން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ނިންމި ނިންމުމަކީ ޤާނޫނީ ގޮތުންވެސް އެޗްޑީސީއަށް ކުރެވޭނެ ކަމެއްނޫން ސިޓީ ކައުންސިލުން ވިދާޅުވިއެވެ.އަދި ސަރުކާރުގެ މި ސިޔާސަތު ބަދަލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ވަނީ ގޮވާލައިފައެވެ.



