މާލޭ ހުޅަނގު ފަރާތު ބަނދަރު ކަމަށްވާ ޓީ-ޖެޓީ.-ފޮޓޯ: މިހާރު

ޓީޖެޓީގެ މައްސަލަ ކޯޓަށް ވައްދައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަލަހައްޓަމުން އަންނަ މާލޭ ޓީޖެޓީ، ސިޓީ ކައުންސިލާ ހަވާލުނުކުރުމުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

ޓީޖެޓީ އެމްޕީއެލްއާ ހަވާލުކޮށްފައި ވަނީ، 2015ގައި މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެންނެވެ. މިފަހުން މުއިއްޒު ވިދާޅުވީ، ޓީޖެޓީ ހަވާލުކުރަން އެމްޕީއެލްއަށް ދީފައިވާ މުއްދަތު ހަމަވާ ދުވަހު ކައުންސިލުން އެ ތަނާ ހަވާލުވާން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ، އެމްޕީއެލްއަށް ދީފައިވާ 97 ދުވަސް ،18 ޑިސެމްބަރ ގައި ހަމަވެފައިވާތީ ޓީ-ޖެޓީއާއި ސިޓީ ކައުންސިލުން ހަވާލުވުމަށް ޓީ-ޖެޓީ ސަރަހައްދަށް ގޮސްފައެވެ. ނަމަވެސް އެ ސަރަހައްދަށް އެމްޕީއެލްގެ އެއްވެސް އިސްބޭފުޅަކު ވަޑައިގެންފައެއް ނުވެއެވެ. އަދި އެދުވަހު އެ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، ޓީ ޗެޓީ މައްސަލައެއް ކޯޓަށް ވައްދާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޓީޖެޓީގެ މައްސަލަ  މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓަށް ހުށަހެޅައިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ނަރީޝް މީގެ ކުރިން ވިދާޅުވީ، އެމްޕީއެލް އިން ޖެޓީ ހިންގުމާ ކައުންސިލުން ދެކޮޅު ނޫން ކަމަށާއި ކަންބޮޑުވުމަކީ ޖެޓީން ރައްޔިތުންނަށް ލޯ ލާރިއެއް ވެސް ނުލިބޭ ގޮތަށް ހިންގާތީ ކަމަށެވެ. އަދި ޖެޓީގެ މައްސަލައިގައި އެމްޕީއެލް އާއެކު ނެގޯޝިއޭޓް ކުރަން ވެސް މަސައްކަތް ކޮށް، މިހާތަނަށް ފަސް ސިޓީއެއް އެމްޕީއެލް އަށް ފޮނުވާ، ބައްދަލުވެސް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ބައްދަލުވުމުގައި، ނޯތު ހާބަރާއި ޓީޖެޓީ އަކީ އެމްޕީއެލް އަށް މުހިންމު ދެ ތަން ނޫން ކަމަށާއި އެހެންކަމުން ކައުންސިލުން އެ ތަންތަނާ ހަވާލުވާން އެމްޕީއެލް އިން ބުނި ކަމަށެވެ. ނަމަވެސް ދެވަނަ ބައްދަލުވުމުގައި ވާހަކަ ބަދަލުވެ، ޓްރާންސްޕޯޓާއި ހައުސިން މިނިސްޓްރީއާ މަޝްވަރާކޮށްގެން ޖެޓީއާ ހަވާލުވާން އެމްޕީއެލް އިން ބުނި ކަމަށް ނަރީޝް ވިދާޅުވި އެވެ.

މި މައްސަލައިގައި އެމްޕީއެލްގެ މީޑިއާ ކޯޑިނޭޓަރު ދާނިޝް ނިޒާމް މިއަދު ވިދާޅުވީ، ޓީޖެޓީ މައްސަލާގައިި އެ ކުންފުނީގެ ސްޓޭންޑް ވަރަށް ސާފުކަމަށެވެ. ވެ. އެ ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު ހައުސިން މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށް ކަމަށާއި އެމްޕީއެލްގެ އަތުން ޓީޖެޓީ ނެގުމުގެ ބާރު އޮންނާނީ އެ މިނިސްޓްރީއަށް ކަމަށް ދާނިޝް ވިދާޅުވި އެވެ.

"ޓީޖެޓީ މި ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ. އަދި، ތަންފީޒީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ މި ކުންފުނިން އެގޮތަށް އަމަލުކުރާނެ ވާހަކަ ދަންނަވަން. އަދި އެމްއޯޔޫގައި އޮތް ގޮތަށް، ކުރިޔެއެކޭވެސް އެއްފަދައިން މި ކުންފުނިން ޓީޖެޓީގައި ދެމުންގެންދާ ހިދުމަތް ދެމުންގެންދާނެ ވާހަކަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން." ދާނީޝް ވިިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ