ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ހަމައެކަނި މާލޭގެ މީހުންނަށް ބިން ވިއްކާގޮތަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އުސޫލަށް ބަދަލު ގެނެސްފިއެވެ.
އެޗްޑީސީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ދެވަނަފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 14603.07(އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި 2,633.93 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް ނުވައެއް ތިނެއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 (ފަސްދޮޅަސް) ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އޭރު ފުރުސަތު ހުޅުވާލިއިރު، 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ބިންގަތުމުގެ ފުރުސަތު އޮތެވެ.
ނަމަވެސް އެޗްޑީސީން ފަހުން ކުރި އިއުލާނުގައި ވަނީ ހަމައެކަނި މާލެ ރަށްވެހިންނަށް ދެވަނަ ފިޔަވަހިން ބިން ގަނެވޭގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ. އެގޮތުން މިހާރު ދެވަނަ ފިޔަވަހިން ބިން ގަތުމަށް ޝަރުތު ހަމަވާމީހުންނަކީ:
- މާލޭ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން.
- މާލެއިން ގިނަ ބައެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ތަނެއްގައި ވެސް އެމީހެއްގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައިވާ ބައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ލިބިފައިނުވުން. [މައިންބަފައިންނާއި އެހެން ގޮތްގޮތުން ވާރުތަވާ ބިންތަކެއް ނުހިމެނޭނެ]
- އެޗްޑީސީ މެދުވެރިކޮށް ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން.
އެޗްޑީސީން ބުނީ، ބީޗް ފްރަންޓުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ހުށަހެޅުން އޮންނާނީ ފެބްރުއަރީ 9 ގަ އި ކަމަށެވެ. އަދި ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން ބިން ގަންނަން ބޭނުންވާ މީހުންގެ ފޯމު ބަލައިގަންނާނީ ފެބްރުއަރީ 16 ގަ ކަމަށެވެ. ފޯމު ބަލައިގަންނާނީ އެ އިން ކޮންމެ ތާރީހެއްގެ ވެސް ހެނދުނު 9 އިން މެންދުރު 12 އަށެވެ. ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހެ އެވެ.
ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާން ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.



