ދިޕިކާ ޕަޑުކޯންގެ ކުރިއަށް އޮތް ފިލްމް، "ގެހެރިޔާން" އަންނަ ފެބްރުއަރީ މަހުގެ 11 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.
ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް ގެނެސްދޭ، އަދި ދިޕިކާ މީގެ ކުރިން ކުޅެފައި ނުވާ ރޯލަކުން ފެންނާނެ ކަމަށް ބެލެވޭ މި ފިލްމް، އެމެޒަން ޕްރައިމް ވީޑިއޯގައި ރިލީޒްކުރަން ފުރަތަމަ ތާވަލުކުރީ މި މަހުގެ 25 ގައެވެ.
ދިޕިކާއާއެކު މި ފިލްމްގައި ދެން މުހިއްމު ރޯލުތަކުން ފެނިގެންދާނެ ތަރިންނަކީ، ސިދާތު ޗަކުރްވެދީ، އަނަންޔާ ޕާންޑޭ އަދި ދާރިޔާ ކަރްވާ އެވެ. އިއްޔެ ފާހަގަކުރި ދިޕިކާގެ އުފަންދުވަހާ ދިމާކޮށް އޭނާ ވަނީ، މި ފިލްމްގެ އާ ޕޯސްޓަރުތަކެއްވެސް ފޭނުންނަށް ދޫކޮށްލައިފަ އެވެ.
މި ފިލްމްގައި ކިޔައިދެނީ މި ޒަމާނުންގެ ޒުވާނުންގެ ރިލޭޝަންޝިޕްތަކުގެ ޖެހޭ މައްސަލަތަކެވެ. އެގޮތުން މި ފިލްމްގައި ދިޕިކާ އާއި ސިދާންތް ފެނިގެންދާނީ ދެ ލޯބިވެރިންގެ ރޯލުންނެވެ.
މި ފިލްމްގެ ޑައިރެކްޓަރަކީ މީގެ ކުރިންވެސް ތަފާތު ފިލްމްތަކެއް ގެނެސްދީފައިވާ ޝަކުން ބަތްރާ އެވެ.



