މާލެ ސަރަހައްދުން 153 ޕޮޒިޓިވް ކޭސް އާއެކު ރާއްޖެއިން ޖުމްލަ 384 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޓެސްޓުކުރި 3730 ސާމްޕަލްގެ ނަތީޖާއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އިން މިއަދުގެ އެވަގުތާއި ހަމައަށް އަތޮޅު ތެރެއިންނާއި މާލެ ސަރަހައްދުން އަދި ރިސޯޓުތަކުންވެސ ޕޮޒިޓިވްވި އަދަދު އުޅެނީ 100 އިން މަތީގައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އަތޮޅު ތެރޭގެ ރަށްތަކުން 102 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، ރިސޯޓުތަކުން ފެނިފައިވަނީ 117 ޕޮޒިޓިވް ކޭސް އެވެ.
މި އަދާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 98،052 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލި ފަސޭހަ ވެފައިވާ މީހުންގެ އަދަދަކީ 94،264 އެވެ.
މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި މިއަދާ ހަމައަށް 264 މީހަކު ވަނީ ކޮވިޑް ބަލީގައި ރާއްޖެއިން ވަނީ މަރުވެފަ އެވެ. އަދި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 3511 އަށް އަރައިފަ އެވެ.
މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވީޑް-19ގެ ކޭސްތައް އިތުރުވެފައިވާތީވެ، މާލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތައް މިއަދު އެޗްޕީއޭއިން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
އިތުރަށް ވަރުގަދަ ކުރި ފިޔަވަޅުތަކަކީ:
- .ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްކަމުގައިވީނަމަވެސް، ރަށްރަށަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ކަމަށް ކަނޑައެޅުން
- 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން މަނާކުރުން
- ކުޅިވަރު މުބާރާތްތައް، ސަޕޯޓަރުން ވައްދައިގެން ބޭއްވުން މަނާކުރުން
މި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މާދަމައިން ފެށިގެންނެވެ.




