ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި އުޅުއްވާ ޓީޗަރުންނާއި ދަރިވަރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކުރައްވާ ވީ އެންމެ އަވަހަކަށް ރަށަށް ދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދިވަޑައިގެންފި އެވެ.
އެޑިއުކޭޝަނުން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ، މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވީޑް-19ގެ ކޭސްތައް އިތުރުވެފައިވާތީވެ، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ މީހުން ޕީސީއާރް ނެގަޓިވް ނަތީޖާއަކާއެކު ނޫނީ ދަތުރުނުކުރެ ވޭގޮތަށް ކަނޑައަޅައިފައި ދަތުރުކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައި ވާތީއެވެ.
އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުކޫލުތަކުގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުމަކީ މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަންދޭ ކަން ކަމަށެވެ. މިގޮތުން ދެވަނަ ޓާމް ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުންނާއި މުދައްރިސުން ސުކޫލަށް ހާޒިރުވުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބުނެފައިވެ އެވެ.
މާލެ، ހުޅުމާލެ، ވިލިމާލެގަ އިން ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ %5 އަށްވުރެ މަތިވެފައިވާތީވެ މާދަމައިން ފެށިގެން މާލެ ސަރަޙައްދުން ދަތުރުކުރުމުގައި ޕީސީއާރް ޓެސްޓް ހަދަންޖެހޭނެ ގޮތަށް އެޗްޕީއޭ އިން ނިންމި އެވެ. އެގޮތުން އެޗްޕީއޭއިން ބުނީ، ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްކަމުގައިވީނަމަވެސް، މާދަމައިން ފެށިގެން މާލެއިން ރަށްރަށަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. މިއަދުން ފެށިގެން މި އުސޫލަށް އަމަލުކުރަން ޖެހޭނެ ކަމަށް އެ އޭޖެންސީން އިއްޔެ އެންގިއެވެ.
ނަމަވެސް މި އުސޫލަށް މިއަދާއި މާދަމާއަށް އެޗްޕީއޭއިން ވަނީ ކުޑަ ލުޔެއް ދީފަ އެވެ. އެގޮތުން މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް އިހުތިޔާރު ކުރަން ދިން އެޗްޕީއޭއިން ދެ ގޮތެއް ދިނެވެ. އެއީ:
- 1. މާލެއިން ސާމްޕަލްއެއް ނެގުމަށް ފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުރުން.
- 2. ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަހު، ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން.
މާލެއިން ރަށްރަށަށް ދަތުރުކުރުމުގައި އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައި މިވަނީ، މިދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން ރަށްރަށުން އެތައް ބަޔަކު ބާޒާރުކުރުމަށާއި، ބޭސްފަރުވާއަށް އަދި އެހެނިހެން ބޭނުންތަކަށް މާލެ އައިސްގެން އުޅޭ ދުވަސްވަރެއްގަ އެވެ.
އެޗްޕީއޭގެ މި ކުއްލި ނިއްމުމާއެކު ގިނަ ބަޔަކު އަންނަނީ އެ އިދާރާއަށް ފާޑުކިޔަމުންނެވެ.



