ފޮޓޯ: އަސަދް

ނުރައްކަލުގެ ރަނގަބީލެއް، މިއަދުގެ ޕޮޒިޓިވް އަދަދު 400 އިން މަތީގައި

މާލެ ސަރަހައްދުން 192 ޕޮޒިޓިވް ކޭސް އާއެކު ރާއްޖެއިން 454 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޓެސްޓުކުރި 3،835 ސާމްޕަލްގެ ނަތީޖާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އިން މިއަދުގެ އެވަގުތާއި ހަމައަށް އަތޮޅު ތެރެއިންނާއި މާލެ ސަރަހައްދުން  ޕޮޒިޓިވްވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އަތޮޅު ތެރެއިންވެސް ރަށްތަކުން 165 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، ރިސޯޓުތަކުން ފެނިފައިވަނީ 74 ޕޮޒިޓިވް ކޭސް އެވެ.

މިއީ ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވި އަދަދު 400 އިން މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މި އަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 4،197 އަށް އަރައިފަ އެވެ. އަދި މިހާތަނަށް މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 98،506 އަށް އަރައިފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި 21 މީހަކު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 264 މީހެކެވެ.

މިދުވަސްވަރު މާލެ ސަރަހައްދުގައި ކޮވީޑް-19ގެ ކޭސްތައް އިތުރުވެފައިވާތީވެ، މާލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މި ފިޔަވަޅުތައް އިއުލާންކުރީ އިއްޔެ އެވެ.

އިތުރަށް ވަރުގަދަ ކުރި ފިޔަވަޅުތަކަކީ:

  •  .ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްކަމުގައިވީނަމަވެސް، ރަށްރަށަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ކަމަށް ކަނޑައެޅުން
  • 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން މަނާކުރުން
  • ކުޅިވަރު މުބާރާތްތައް، ސަޕޯޓަރުން ވައްދައިގެން ބޭއްވުން މަނާކުރުން

މި ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށް އެޗްޕީއޭއިން އެންގި އެވެ. ނަމަވެސް ޕީސީއާރު ޓެސްޓާއި ނުލާ މާލެއިން ބޭރަސް ދަތުރުނުކުރެވޭނެ އުސޫލަށް އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ދެ ލުޔެއް ދީފައެވެ. އެއީ:

  •  މާލެއިން ސާމްޕަލްއެއް ނެގުމަށް ފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުރުން.
  •  ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށް ފަހު، ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުން.

ނަމަވެސް އެޗްޕީއޭގެ މި ކުއްލި ނިންމުމާއެކު ގިނަ ބަޔަކު ވަނީ ޝަކުވާ އުފުލައިފަ އެވެ. އަދި ޗުއްޓީ ދުވަސްވަރަށް މާލެ އައިސް އުޅޭ ރަށްރަށުގެ އެތައް އާއިލާތަކެއް ވަނީ ރެއިން ފެށިގެން ޕީސީއާރު ނެގުމަށް މަރުކަޒުތަކަށް ޖަމާވެ ދިގު ކިއުއެއް ހަދައިފަ އެވެ.

ޕީސީއާރު ޓެސްޓު ހަދަން ކިޔު ހަދާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން އެޗްޕީއޭ އިން މިއަދު ވަނީ މާލެ ސަރަހައްދުގައި އިތުރު ސާމްޕަލް ސެންޓަރެއްް ހުޅުވައިފަ އެވެ. އެގޮތުން އެފްއޭއެމް ހައުސްގައި ހިންގަމުން އައި ފްލޫ ކްލިނިކުންވެސް މިހާރު ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މީިގެ އިތުރުން،  ސޯޝަލް ސެންޓަރުގައި ހިންގަމުން އައި ސާމްޕަލް ސެންޓަރު ވަނީ ތާޖުއްދީން ސުކޫލަށް މިއަދު ބަަދަލުކޮށްފަ އެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ