މާލޭގެ އިތުރުން މާފުއްޓާއި، ކުޑަހުވަދޫން ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ފެނިފައިވާ ކަމަށާއި، މިހާތަނަށް އަށް ދިވެހިންނަށް މި ވޭރިއަންޓް ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ.
އެޗްއީއޯސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ.ޝާހް މާހިރު ވިދާޅުވީ، މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސަކު އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަދި މާލޭގެ އިތުރުން މާފުއްޓާއި ކުޑަހުވަދޫގެ މުޖުތަމައުގެ ތެރެއިން އޮމިކްރޯންގެ ކޭސްތައް ފެނިފައިވާ ކަމަށް ޑރ. ޝާހް ވިދާޅުވި އެވެ.
އެގޮތުން މިހާތަނަށް ރާއްޖެ އިން 19 ފަތުރުވެރިޔަކާއި 8 ދިވެއްސަކު އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ.ޝާހް ވިދާޅުވިއެވެ. އަދި އޮމިކްރޮން ޖެހުނު 8 ދިވެހިންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި ތިން މީހަކާއި، ކުޑަހުވަދޫން އެކަކާއި އަދި މާފުށިން ތިން މީހަކު ކަމަށް ހާމަކުރެއްވި އެވެ.
މިއަދުގެ ޕްރެސް ފަށަމުން ޑރ.ޝާހް ވިދާޅުވީ، ރާއްޖޭގައި ޕޮޒިޓިވްވާ ކޭސްތައް އިތުރުވެފައިވާ ކަމަށާއި، އެ އަދަދު 400 އިން މަތިވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓާތަކުންނާއި، ފްލޫ ކުލިނިކުތަކުން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށް ޑރ. ޝާހް ފާހަގަކުރި އެވެ.
މިއަދުގެ ޕްރެސްގައި ވާހަކަދައްކަމުން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ، މާލެ ތެރޭގެ ކޮވިޑް ކޭސްތައް އިތުރުވެފައިވާ ކަމަށާއި، ބަލި ޖެހޭ މީހުންގެ އަދަދު މިހާރު ހަފްތާއެއްގެ މައްޗަށް 1،000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ދިވެހިންގެ ތެރޭގައިވެސް އޮމިކްރޮން ވޭރިއަންޓް އުޅޭކަން ސީކުއެންސް ނަތީޖާއިން ކަށަވަރުވެފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވިގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ޑެލްޓާ ވޭރިއަންޓަށް ވުރެ ބޮޑަށް އޮމިކްރޮންގެ ކޭސްތަކުގެ އަދަދު އެތައް ގުނައެއް ރާއްޖޭގައި އިތުރުވެގެންދާނެ އެވެ.
"މިދިޔަ ރާޅުގައި ޑެލްޓާގައި ކޭސްތައް ބޮޑަށް ފެނުނީ މާލެއިން. އެހެންނަމަވެސް މިފަހަރު ރާޅުގައި ބޮޑަށް ލަފާކުރެވެނީ އޭގެ ބަދަލުގައި މުޅި ރާއްޖެއިން ކޭސްތަކުގެ އަދަދު އިތުރުވެގެންދާނެ ކަމަށް." ޑރ. ނަޒްލާ ވިދާޅުވި އެވެ.



