ރާއްޖެއިން އިތުރު 593 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޓެސްޓުކުރި 4،320 ސާމްޕަލްގެ ނަތީޖާއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އިން މިއަދުގެ އެވަގުތާއި ހަމައަށް އަތޮޅު ތެރެއިންނާއި މާލެ ސަރަހައްދުން ޕޮޒިޓިވްވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 199 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅު ތެރޭގެ ރަށްތަކުން 197 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓުތަކުން ވަނީ 124 ޕޮޒިޓިވް ކޭސް ފެނިފައެވެ.
ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ. އެގޮތުން މީގެ ދިހަވަރަކަށް ދުވަސް ކުރިން ރާއްޖެއިން ޕޮޒިޓިވްވާ އަދަދު 200 އިން މައްޗަށް ވަނީ ގޮސްފައެވެ. އަދި މި އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އައިސް، އިއްޔެވެސް ވަނީ 454 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
މި އަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5،818 އަށް އަރައިފަ އެވެ. އަދި މިހާތަނަށް މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 99،099 އަށް އަރައިފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި 20 މީހަކު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 264 މީހެކެވެ. އަދި ބަލިން ރަނގަޅުވެފައިވާ މިހުންގެ އަދަދަކީ 94،502 އެވެ.
ރާއްޖޭގައި ޕޮޒިޓިވްވާ އަދަދު މިދުވަސްވަރު އިތުރުވަމުން އަންނަނީ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮން ވޭރިއަންޓްގެ ކޮމިއުނިޓީ ސްޕެރެޑެއް އުޅޭތީ ކަމަށް އެޗްއީއޯސީން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އޮމިކްރޮން ވޭރިއަންޓުގެ ރާޅު ފެތުރި، ޕޮޒިޓިވްވާ އަދަދު އެތައް ގުނައަކަށް އިތުރުވާނެ ކަމަށް އިއުލާންކުރެއްވި އެވެ.
އެއާއެކު ލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްކަމުގައިވީނަމަވެސް، ރަށްރަށަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅައިފަ އެވެ.މީގެ އިތުރުން 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން މަނާކުރުމާއި، އަދި ކުޅިވަރު މުބާރާތްތައް، ސަޕޯޓަރުން ވައްދައިގެން ބޭއްވުންވެސް ހުއްޓާލަން އެޗްޕީއޭއިން އޮތީ އަންގައިފަ އެވެ.




