އިއްޔެ އަލަށް ޕޮޒިޓިވްވި ގިނަ އަދަދެއްގެ މީހުންނާއެކު، ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 100،000 އިން މައްޗަށް އަރައިފި އެވެ.
ރާއްޖޭގައި މިހާރު ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވަނީ އޮމިކްރޮން ވޭރިއަންޓް މުޖުތަމައުގައި ފެތުރޭތީ ކަމަށާއި، ކޮވިޑްގެ މި އާ ރާޅު، މުޅި ރާއްޖެއަށް ފޯރާނެ ކަމަށް ހެލްތް މިނިސްޓްރީން އިއުލާންކުރީ މީގެ ހަތަރު ދުވަސްކުރިންނެވެ.
ފާއިތުވި ދެ ހަފްތާއަކީ ރާއްޖޭގައި ކޮވިޑްގެ އަދަދުތައް އެތައް ގުނައަކަށް އިތުރުވަމުން އައި ދުވަސްތަކަކެވެ. އެގޮތުން އިއްޔެވެސް ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވި އެވެ. އިއްޔެ މާލެއިން 413 ޕޮޒިޓިވް ކޭސް އާއެކު، މުޅި ޖުމްލަ 816 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އެވެ.
މީހުން ދިރިއުޅޭ ރަށްރަށުން 249 މީހުން އިއްޔެ އަލަށް ކޮވިޑް ޕޮޒިޓިވްވިއިރު، ރިސޯޓުތަކުން ޕޮޒިޓިވްވެފައި ވަނީ 92 މީހެކެވެ. މި އަދަދުތަކަކީ ފާއިތުވި ހަތް ވަރަކަށް މަހާއި އަޅާބަލާއިރު، ވަރަށް ބޮޑު އިތުރުވުމެކެވެ.
މި ހާލަތާއެކު މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި 5،118 މީހުން ތިބި އިރު އޭގެ ތެރެއިން 25 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެންނެވެ. އަދި 95،056: ބަލިން ރަނގަޅުވިއިރު، ރާއްޖެއިން 264 މީހުން ކޮވިޑް ބަލީގައި މިހާތަނަށް ވަނީ މަރުވެފަ އެވެ.
އެޗްއީއޯސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި، މާލޭގެ އިތުރުން ރަށްރަށުގައިވެސް މިހާރު ކޮވިޑްގެ އޮމްކްރޮން ވޭރިއަންޓް އަންނަނީ ފެތުރިފައެވެ. އަދި މިހާރު އުޅެނީ އޮމިކްރޮންގެ ކޮމިއުނިތީ ސްޕްރެޑެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.




