ރާއްޖެއިން އިތުރު 1589 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޓެސްޓުކުރި 5،617 ސާމްޕަލްގެ ނަތީޖާއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އިން މިއަދުގެ އެވަގުތާއި ހަމައަށް މާލެ ސަރަހައްދުން 400 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅު ތެރޭގެ ރަށްތަކުން 843 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓުތަކުން ވަނީ 80 ޕޮޒިޓިވް ކޭސް ފެނިފައެވެ.
ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަރަށް ބޮޑަށް މަތީގައި އުޅުމަށްފަހު، މި އަދަދު ވަނީ މަޑުމަޑުން މިހާރު ދަށްވާން ފަށައިފަ އެވެ. އެގޮތުން މާލެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދުވެސް މިހާރުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ނަމަވެސް މި އަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު އަދިވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އެކްޓިވް ކޭސްތަކުގެ އަދަދު 17،637 އަށް ވަނީ އަރައިފައެވެ. އަދި މިހާތަނަށް މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 148،580 އަށް އަރައިފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި 52 މީހަކު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 281 މީހެކެވެ. އަދި ކޮވިޑް ބަލިން ރަނގަޅުވެފައި ވަނީ 130،649 މީހުންނެވެ.



