މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޖަލުގެ ހާލަތު ބެއްލެވުމަށް، ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ މާފުށީ ޖަލަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މިއަދު ހެނދުނު މިނިސްޓަރ މާފުށީ ޖަލަށް ވަޑައިގެންނެވިކަން ހާމަކުރައްވާފައިވަނީ ހޯމް މިނިސްޓްރީ އިންނެވެ. އެ މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރުގެ ޒިޔާރަތުގައި ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތު އޮޅުންފިލުއްވާ ހާލަތު ދެނެގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"20 ޖޫން 2019 ވަނަ ދުވަހު މާފުށި ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތު އޮޅުންފިލުއްވާ ހާލަތު ދެނެގަތުމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފި. މިޒިޔާރަތުގައި ހާދިސާއަށް ފަހު ކަންކަން ހިނގާދިޔަގޮތް މިނިސްޓަރ ބައްލަވާނެ." ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރެއްވިއިރު، ރޭ ކުރެއްވި ޓްވީޓެއްގައި މިނިސްޓްރ ވިދާޅުވެފައިވަނީ، ޖަލުތައް ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހާސިލުކުރި ޒަމާން މާޒީވެއްޖެކަމަށެވެ.
“ފުރިހަމަ ތަޙްޤީޤަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅު އެޅުމަކީ ކުރާނެކަމެއް ނޫން. ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުނު ޒަމާން މާޒީވެއްޖެ.” އިމްރާން ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވެފައިވަނީ، ރާއްޖޭގެ ޖަލުތަކުގެ ޚާލަތު އެކަށީގެންވާ ބަދަލެއް އައިސްފައި ނެތް ކަމަށާއި، އެއީ އެއްދުވަހަކުން ދެދުވަހަކުން ބަދަލުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. ނަމަވެސް ޤައިދީންނާމެދު ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތައް ހިންގުން ބަލައި ނުގަނެވޭ ކަމަށާއި، އެކަންކަން ހުއްޓުވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.



