ދިވެހިރާއްޖޭގެ ޖަލުތަކުގައި ޤައިދީންނަށް އަނިޔާ ކުރުމުގެ ސަޤާފަތް އިޔާދަކޮށް މާފުށީ ޖަލުގައި ޤައިދީންނަށް އަނިޔާ ކޮށްފައިވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން މިހެންބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
"20 ޖޫން 2019 ވަނަ ދުވަހު މާފުށީ ޖަލުގައި ޤައިދީންނަށް ކޮށްފައިވާ ލާއިންސާނީ އަނިޔާތައް މި ޕާޓީން ހަރުކަށި އިބާރާތުން ކުއްވެރި ކުރަން" ޕީޕީއެމްގެ ނޫސްބަޔާނުގައި ވެއެވެ.
މިބަޔާނުގައި ވާގޮތުން ދިވެހިރާއްޖޭގެ ޖަލުތަކުގައި ޤައިދީންނަށް އަނިޔާކޮށްފައިވާ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާވެސް ޚިލާފަށެވެ.
ކުރީގެ ސަރުކާރުން ކުރި ބުރަމަސައްކަތުން ޖަލުތަކުގައި އަނިޔާ ކުރުމުގެ ސަޤާފަތް އެއްކޮށް ހުއްޓުވާފައިވާކަމަށްވެސް ޕީޕީއެމްއިންވަނީ ވިދާޅުވެފައެވެ.
މިގޮތުން ޖަލުތައް ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންނަށް ޕްރެފެޝަނަލް ތަމްރީނު ދީ، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮފެޝަނަލް ނިޒާމްތަކެއް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ޤާއިމް ކުރެވިފައިވާކަމަށްވެސް ޕީޕީއެމްގެ މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"މިސަރުކާރު އައިފަހުން މިވީ 7 މަސް ދުވަސްތެރޭ ޖަލުތައް ބެލެހެއްޓުމުގެ ޕްރޮފެޝަނަލް ތަމްރީނުތައް ލިބިފައިވާ އެތައް ބަޔަކު ވަޒީފާތަކުން ވަކިކޮށް އެ މަޤާމްތަކަށް ސިޔާސީ އެކްޓިވިސްޓުން ލައި ލައިގެން ޖަލުތަކުގެ ހާލަތު މިހާރު މިވަނީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި އަނިޔާކޮށް މަރުހޫމް އީވާން ނަސީމް މަރާލިއިރު ރާއްޖޭގެ ޖަލުތައް އޮތް ހާލަތަށް ބަދަލުވާން ފަށާފަ" އެޕާޓީން ވިދާޅުވިއެވެ.
އަދި ވޭތުވެދިޔަ ދުވަސްތަކުގައި ޤާނޫނުގައި އޮންނަ އުސޫލުން މަޢާފް ނުލިބި އެތައް ކުއްވެރިންތަކެއް މުޖުތަމައުގެ ތެރެއަށް ދޫވެގެންގޮސްފައިވުމަކީ ސަރުކާރުން ޖަލުތައް ބެލެހެއްޓުމުގައި ފެއިލްވެފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައި ދެކޭ ކަމަށްވެސް އެޕާޓީންވަނީ ފާހަގަކޮށްފައެވެ.
"ޖަލުގެ ޤައިދީން ކޮންޓްރޯލް ކުރުމުގެ ނަމުގައި، ކަމަށް އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް ޤައިދީންގެ ޖިންސީ ގުނަވަންތަކަށް އަސޭމިރުސް ސްޕްރޭ ޖެހުމާއި ޤައިދީންގެ ބޯބޭލުން ފަދަ ހިއުމިލިއޭޝަން އާއި އަނިޔާގެ އަދަބު އެކުލެވޭ ފަދަ ކަންކަން ހިނގާފައި ވުމަކީ އަނިޔާގެ ސަޤާފަތަކަށް އަދި ސިސްޓަމަކަށް ޖަލުގެ ހިންގުން ބަދަލުވާން ފަށާފައިވާ ކަމުގެ ހެއްކެއް" ޕީޕީއެމްއިން ވިދާޅުވިއެވެ.
އަދި މިފަދަ ލާއިންސާނީ އަދި އިންސާނީ ކަރާމަތަށް އަރައިތުންފަދަ ހުތުރު ކަންކަން ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް ތަހައްމަލް ކުރަން ނުޖެހޭނެ ފަދަ ގޮތަކަށް ސަރުކާރުގެ ހިންގުން ރޭވުމަށް ޕީޕީއެމްއިންވަނީ ގޮވާލާފައެވެ.



