މުއިއްޒު ނޮޅިވަރަމް ރައްޔިތުންނާ ވާހަކަދައްކަވަނީ - ފޮޓޯ: ވަގުތު

މުއިއްޒު ނޮޅިވަރަމަށް: ތާރުއަޅައި، ހޮސްޕިޓަލް އަޅައި، ބަނދަރު ހަދައި، ދަނޑުތައް ނިންމައި އެއްދަންފަޅިއަށް ކިޔަވައިދޭނަން

ތިލަދުންމަތީ ދެކުނުބުރީގައި ހިމެނޭ ރަށްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ފިޔަވައި އެންމެ އާބާދީ ބޮޑު، ނޮޅިވަރަމަށް ބޭނުންވާ މުހިންމު ގިނަ އުމްރާނީ ތަރައްޤީތަކެއް ގެނެސްދެއްވަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

ޑރ، މުއިއްޒުއާއި ރަނިންމޭޓް ހުސައިން މުޙައްމަދު ލަތީފް (ސެމްބެ) އަދި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މިއަދު ވަނީ ނޮޅިވަރަމަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ.

ނޮޅިވަރަމަކީ އާބާދީ ބޮޑުނަމަވެސް އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ ލިސްޓުން ޖާގަ ލިބުމުގައި ދަތިތަކެއް ހުރި ރަށެއްކަން އެރަށަށް ޒިޔާރަތްކޮށްލުމުން އެނގިގެންދާނެއެވެ. މުއިއްޒު ވަނީ އެރަށަށް ވަޑައިގެން އެރަށު ރައްޔިތުންގެ އިހްސާސްތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ ނޮޅިވަރަމް ސަޕޯޓަރުން - ފޮޓޯ: ވަގުތު

މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއް ވެގެންދާނީ ޢަދުލުވެރި، އިންސާފުވެރި ސަރުކާރަކަށް ކަމަށާއި، ސިޓީ ނަގާފައި އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަށް ކަންކަން ނުކޮށްދީ އާބާދީ ކުޑަ ރަށްތަކަށް ކަންކަން ކޮށްދިނުމަކީ އިންސާފުވެރި ގޮތްކަމަށް ނުވާނެ ކަމަށެވެ.

"އެންމެ ގިނަ ރައްޔިތުން ތިބި ތަނަކަށް އެންމެ އިސްކަންދިނުން، އެންމެ ގިނަ މީހުން ތިބި ތަނަކަށް ކޮށްދޭންޖެހޭ ކަންތައްތަކަށް އެންމެ އިސްކަންދިނުން. މިކަމަކީ ކޮންމެހެން ކޮށްދޭންޖެހޭ ކަމެއް. ޢަދުލުވެރިވުމަކީ ނިސްބަތުން ކުރެވޭނެކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރުކޮށް، އަޅުގގަނޑުމެންނާ އެ ޒިންމާ ހަވާލުކޮށްފިނަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ ޢަދުލުވެރިކަން ޤާއިމުކޮށްދޭނަން." މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނޮޅިވަރަމް ސަޕޯޓަރުން - ފޮޓޯ: ވަގުތު

1- މަގުތައް ޒަމާނީ ފެންވަރަށް

"ދެން ކޮންމެހެންވެސް މިރަށަށް ބޭނުންވާ ކަންތައްތަކެއް ހުރިކަން އަޅުގަނޑުމެންގެ ޓީމުގެ ހުރިހާ މެންބަރުންގެ ގާތުގައި ދެންނެވި. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އަޅިގަނޑުމެން ވަރަށް އިޚްލާސްތެރިކަމާއެކީގައި އެކަންކަމަށް އިޖާބަދޭނެ ވާހަކަ. އެގޮތުން ބަލާއިރުގައި އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވޭ އަޅުގަނޑުމެންނަށް ރައްޔިތުންނަށްގެ ފަރާތުން ވަރަށް ގިނަ ކަންކަން ހުށައަޅައިފި. މިގޮތުން ބަލާއިރު މިރަށަކީ މިރަށުގެ މަގުތައް އަޅުގަނޑުމެންނަށް މިއޮތީ ފެންނަން އޮތް ހާލަތު. އަޅުގަނޑުމެންނަށް އެބަފެނޭ މިއަށްވުރެ މާ އާބާދީ ކުދި ރަށްތަކުގައި ރަނގަޅު ފެންވަރުގައި ތާރުއަޅައިގެން މަގުތައް ހެދެމުންދާތަން. ހުރިހާ ރަށެއްގައިވެސް މަގުތައް ހެދެންޖެހޭ. އެންމެންނަށްވެސް ސަރުކާރުން ޚިދުމަތް ދޭންޖެހޭ. އެހެންނަމަވެސް އާބާދީ ބޮޑެތި ރަށްތައް ދޫކޮށްލާފައި އެއަށްވުރެ ކުދި ރަށްތަކުގައި އެކަން ވެގެންދިއުމުގައި ތަރުތީބުގެ އޮޅުމެއް އެބައަރާ. އެހެންވީމާ މިއަތޮޅުގައި މީ އެންމެ އާބާދީ ބޮޑުރަށް. މިރަށުގައި އަޅުގަނޑުމެން މިރަށުގެ ތި ލޮބުވެތި ރައްޔިތުން ތި އެދިލައްވާގޮތަށް މިރަށުގެ ބޮޑެތި ހުރިހާ މަގެއް ތާރުއަޅައިގެން ރަނގަޅު ފެންވަރެއްގައި ހަދައިދޭނަން."

2- ބަނދަރު ތަރައްޤީކުރުން

"އަޅުގަނޑުމެން ރައީސް ޔާމީންގެ ސަރުކާރުގައި މިރަށުގެ ބަނދަރުގެ މަސައްކަތްތަކެއް ކޮށްފައިވާނެ. އެހެންނަމަވެސް ހަމަ ކޮންމެ ރަށެއްގައިހެން ވާގޮތަށް އެ ބަނދަރެއް ނޫނީވިއްޔާ އެހެން އިންފްރާސްޓްރަކްޗަރއެއްވެސް އާބާދީ ބޮޑުވެ ނޫނީވިއްޔާ އަންނަ ކުރިއެރުންތަކާއެކީގައި ރައްޔިތުންނަށް އަންނަ ކުރިއެރުމާއި ވަށްޓަފާޅިއަށް އަންނަ ބަދަލުތަކާއި ދެންއަދި މުސުމަށް އަންނަ ބަދަލުތަކާއި މި ހުރިހާ ކަމަކާއެކީގައި ބަނދަރުތައް ބޮޑުކުރަންޖެހި، އެކިކަހަލަ ބަދަލުތައް ގެންނާންޖެހި، މިކަންކަމަކީ ޠަބީޢީކަމެއް. މިދިޔަ ސަރުކާރުގައި، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި އޭރުގައި އަޅުގަނޑުމެން 108 ރަށުގައި ބަނދަރުގެ އެކިކަހަލަ މަސައްކަތްތައް ކުރީމު. އެއީ ވަރަށް ގިނަ ރަށްތައް 186 ރަށް އޮންނައިރުގައި 108 ރަށުގައި އެހުރީ މަސައްކަތްތަކެއް ކުރެވިފައި. އެހެންނަމަވެސް އެބަޖެހޭ ހަމަ އެކިކަލަހަލަ ސަބަބުތަކާހުރެ ބަނދަރަތަކަށް ބަދަލުތައް ގެންނަން. އެހެންވީމާ މިރަށުގެ ބަނދަރު ބޮޑުކުރުމާއި ވަންނަން އޮންނަ ނެރަށް ގެންނާންޖެހޭ ބަދަލުތަކާއި، މިހިރަ ކަންކަމަކީ މިރަށުގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންޖެހިފައިވާ ކަމެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. އެހެންވީމާ މިރަށުގެ ބަނދަރުގެ ސައިޒް ބޮޑުކޮށް ނެރަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ބަނދަރުގެ ފަސޭހަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިރަށަށް ހޯދައިދޭނަން."

ޕީޕީއެމްގެ ނޮޅިވަރަމް ސަޕޯޓަރުން - ފޮޓޯ: ވަގުތު

3- ފުޓްބޯޅަދަނޑު، ފުޓްސަލްދަނޑު އަދި ވޮލީ ކޯޓު ޒަމާނީ ފެންވަރަށް

"އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ރައީސް ޔާމީންގެ މެނިފެސްޓޯގައި އެންމެ އިސްކަމެއްދޭ އެއްކަމަކީ ޒުވާނުން. ޒުވާނުންނަށް އެމަނިކުފާނު ފުރަތަމަ ވެރިކަމުގައިވެސް 96،000، 100،000 އެއްހާ ވަޒީފާ އުފެއްދެވި. ޒުވާނުންނަކީ އެމަނިކުފާނުގެ ކުރިއަށް މިއޮތް އަހަރަށ، ދައުރަށްވެސް އަޅުގަނޑުމެން ހުށަހަޅާފައި އޮތް މެނިފެސްޓޯގައި އެންމެ އިސްކަމެއްދޭ އެއް ކަންތައް. އަޅުގަނޑުމެންގެ ރަނިންމޭޓަކީ ވަރަށް ޒުވާނުން ހީވާގި ޚިދުމަތްތެރި ތަޢުލީމީ ބޭފުޅެއް. އަޅުގަނޑުމެން ބޭނުންވީ ރައްޔިތުންނަށް އުއްމީދުތަކެއް ދޭން. އަޅުގަނޑާ އެކީގައި މަސައްކަތްކުރަން އަންނަ ރަނިންމޭޓަކީ ޒުވާނުންގެ އުއްމީދުތައް ދައްކުވައިދޭ ބޭފުޅަކަށްވާން. އެއީ ރައީސް ޔާމީންވެސް ބޭނުންފުޅުވެލެއްވިގޮތް. ޒުވާނުންނަށް އެންމެ މުހިއްމީ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމުކުރުން. މިރަށަކީ ތިންވަނަ ޑިވިޜަނުންގޮސް ޕްރިމިއަރ ލީގާ ހަމައަށް ފުޓްބޯޅަކުޅޭ ކުޅުންތެރިން ތިބި ރަށެއް. ފުޓްބޯޅަ ދަނޑެއް މިރަށުގައި ނެތި އެހެން ރަށެއްގައި އޮވެގެންވާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. ފުޓްސަލް ދަނޑުގައި ޓާފް މެޓްތައް ވީރާނާވެގެން ގޮސްފައި އޮވެގެންވާނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ. އެއީ އިންސާފެއް ކަމަކަށް [ނުފެނޭ]. ޢަދުލުވެރިވަންޏާ މިކަންކަން ވާންއެބަޖެހޭ. އެހެންވީމާތިބޭފުޅުން އަޅުގަނޑުމެންނަށް މިރަށުން އަޅުގަނޑުމެން ހޮވުމަށް މަސައްކަތް ކޮށްދީ. އަޅުގަނޑުމެންގެ ސަރުކާރެއް ޤާއިމުވެގެންއައިސްފިނަމަ، އިރާދަކުރެއްވިއްޔާ ތިބޭފުޅުން ތި އެދިލައްވާގޮތަށް ފުޓްބޯޅަ ދަނޑާއި، ފުޓްސަލް ދަނޑާއި، ދެންހުރި ކުޅިވަރުތައް، ވޮލީއާއި މިހުރިހާ ކަންކަމަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކޮށްދޭނަން."

4- ނޮޅިވަރަން ސްކޫލް އެއްދަންފަޅިއަށް

"ތައުލީމަކީ ކޮންމެހެންވެސް އިސްކަންދޭންޖެހޭކަމެއް. އަޅުގަނޑުމެން ގިރާކުރާ، އަޅުގަނޑުމެން އެންމެ އިސްކަންދޭންޖެހޭ ޖީލަކީ ކުޑަކުދިން ތަރުބިއްޔަތުކުރުން. އެކުދިންނަށް ދޭންޖެހޭ ތަރުބިއްޔަތު ދިނުމުގައި ސްކޫލްތަކުގެ ފެންވަރަކީ ވަރަށް އިސްކަމެއް ދޭންޖެހޭ ކަމެއް. 600 އަށްވުރެ ގިނަ ކުދިން މިރަށު ސްކޫލްގައި އެބަ ކިޔަވާ. އެހެންނަމަވެސް ދެ ދަންފަޅިއަށް މިޖެހެނީ ކިޔަވަން. އަޅުގަނޑުހިތުން ރާއްޖޭގައި މަދުވާނެ މިގޮތަށް ހުރި ސްކޫލްތައް. އެހެންވީމާ އެއްދަންފަޅިއަށް ބަދަލުވެގެންދިޔައީމާ އެ ހުސްވާ ވަގުތުތަކުގައި އެކުދިންގެ ތަރުބިއްޔަތަށް އާއިލާތަކާއެކީ ވަގުތުހޭދަކުރުމާއި، އިޖުތިމާއީ ދުޅަހެޔޮކަމަށް އެބަ ވަގުތު ހުސްކޮށްދެވޭ. އެހެންވީމާ، މިރަށުގެ ސްކޫލް އެބަވާންޖެހޭ އެއްދަންފަޅިއަށް ކިޔަވައިދެވޭފަދަ ވަސީލަތްތައް ޤާއިމުވެފައިހުރި އިމާރާތް ޤާއިމުކުރެވިފައިހުރި، ކްލާސްރޫމްތައް ޤާއިމުކުރެވިފައިހުރި ސްކޫލަކަށް. އެގޮތުން 12 ކްލާސްރޫމް މަދުވެގެން ހިމެނޭ ކްލާސްރޫމް އިމާރާތެއް މިތާ ހެދި، މަލްޓިޕަރޕޯސް ހޯލް ނިންމައި، އަދި ސައިންސް ލެބާއި ދެންވެސް [ބޭނުންވާ] ވަސީލަތްތައް މިތަނުގައި ޤާއިމުވެފައިވާ ރަނގަޅު ފެންވަރުގެ ޒަމާނީ ސްކޫލެއް މިތަނުގައި އިރާދަކުރެއްވިއްޔާ ޤާއިމުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަރަށް އިސްކަންދޭނެކަމެއް."

ޕީޕީއެމްގެ ނޮޅިވަރަމް ސަޕޯޓަރުން - ފޮޓޯ: ވަގުތު

5- އޭޓީއެމް ބަހައްޓައި، ދަނޑުވެރިންނަށް ލުއި ގޮތްތަކެއް

"ކުދިކުދި ކަންކަންވެސް މިތަނުގައި ކޮށްދެވިފައި ނެތީ. އޭޓީއެމްއެއްވެސް ބެހެއްޓިފައި ނެތްކަމަށްވަނީ. މިރަށަށްވުރެ ދެބައިކުޅަ އެއްބައި އާބާދީ ރަށްތަކުގައިވެސް އޭޓީއެމް އެބަހުރި. އާދެ، އެހެންވީމާ އެއީ ޔަޤީން ކަމެއްކަމުގައި ބައްލަވާ. އެކަން ކޮށްދެވޭނެކަމަށް. އާދެ ޚަރަދު ހިނގާ ވާހަކަ މުޅިންވެސް މިދެއްކެނީ. އެހެންނަމަވެސް އާމްދަނީ އިތުރުކުރެވޭނެ ކަންކަމުގެ ވާހަކަވެސް ދައްކަންޖެހޭ. ވަޒީފާ އިތުރުކުރެވޭނެ ގޮތްތަކަށްވެސް ވިސްނަންޖެހޭ. ދެންމެ މިދެންނެވި ހުރިހާ ކަމަކުންވެސް ނުސީދާ ގޮތުންނާއި ސީދާގޮތުން ވަޒީފާ އިތުރުވެގެންދާނެ. އެހެންނަމަވެސް މިރަށުގެ ސިނާއަތުގައި ދަނޑުވެރިކަމަކީ އެންމެ އިސްކަންދޭ ސިނާއަތް. އެހެންވީމާ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވަރަށް ގިނަ ކަންކަން އެބަޖެހޭ ފަހިކޮށްދޭން. ދަނޑުވެރިކަން ކުރާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދެވެންޖެހޭ. ރަނގަޅު ފެންވަރުގައި ކަރަންޓު ދެވިފައި ހުންނަންޖެހޭ. އަދި މިރަށުން ދަނޑުވެރިކަމަށް ބޭނުންވާ އެކިކަހަލަ ކާނާއާއި އެކިކަހަލަ ސާމާނުތައް އެހެންތަނަކަށް ނުގޮސް ލިބޭނެފަދަ ވަސީލަތެއް ޤާއިމުވެގެން ދިއުމާއި، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ އެހެނިހެން ކަންކަން މަގުފަހިކޮށްދެވިފައި އޮތުމަކީ މިރަށުގެ އިޤްތިޞާދު ކުރިއަރާ ދިއުމަށް ކޮންމެހެން ބޭނުންތެރިކަމެއް. އެހެންވީމާ، އެކަމަކީވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ސަމާލުކަންދީގެން ހައްލުކޮށްދޭނެކަމެއް."

6- ހޮސްޕިޓަލެއް ޤާއިމުކުރުން

"ދެން އޮތް ކަމަކީ ޞިއްޙީ ކަންތައްތައް. މިރަށުގައި މިތާ ކައިރީގައި ކުޅުދުއްފުށި ސިޓީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ހިނގިނަމަވެސް، މިރަށާ އެކަށީގެންވާ ސައިޒެއްގެ ހޮސްޕިޓަލެއް މިތަނުގައި ހުންނާންޖެހޭ. އެހެންވީމާ އިރާދަކުރެއްވިއްޔާ މިރަށަށް އެކަށީގެންވާ ސައިޒުގެ، އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް މިތަނުގައި ޤާއިމުކުރުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް."

ޕީޕީއެމްގެ ނޮޅިވަރަމް ސަޕޯޓަރުން - ފޮޓޯ: ވަގުތު

މުއިއްޒު ވިދާޅުވީ، ބަހާއި އަމަލާ ދިމާނުވާތައް އެމަނިކުފާނުގެ ފަރާތުން އެއްވެސް ބޭފުޅަކަށް ފެނިފައި ނުވާނެކަމަށާއި، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަށް އިތުބާރުކުރައްވާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެއްވައިފިނަމަ، ކުރިން ވިދާޅުވި ކަންކަމުގެ އިތުރުންވެސް ބޮޑެތި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެ ކަމަށެވެ.

"އާދެ. ދެންއޮތީ ގޮތް ނިންމުން. ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ. ރައީސް ޔާމީން ކިބައިން އަޅުގަނޑަށް ދަސްވެފައިހުރީ ކަމެއް ކުރަން އެމަނިކުފާނު ވިދާޅުވެއްޖިއްޔާ އެކަމެއް ކޮށްދެއްވާކަން. ކޮށްދިނުމުގައި މެދުވެރިއަކަށް އަޅުގަނޑު ވަރަށްގިނަ ފަހަރު ބޭނުންކޮށްފައިވޭ، ހާއްޞަކޮށް އުމްރާނީ ކަންކަމުގައި. އެހެންވީމާ ތެދުވެރިކަމާއި އިޙްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުން އެމަނިކުފާނު ކިބައިން އަޅުގަނޑުމެން އެންމެންނަށް ދަސްވެފައިހުރީ. މިދެންނެވި އެއްވެސް ވާހަކައަކީ ހަމަ ވޯޓެއް ހޯދަން ދެއްކި ވާހަކައެއް ނޫން. އަޅުގަނޑުގެ ކިބަޔަކުންނެއް އެއްވެސް މީހަކަށް ފެނިފައެއް ނުހުންނާނެ ދައްކާ ވާހަކައާއި ޢަމަލާ ދިމާނުވާތަނެއް. އެހެންވީމާ، ރައްޔިތުންގެ ކިބައިގައި ތިއޮތީ ގޮތް ނިންމުން، އިތުބާރުކުރުން. އިތުބާރުކޮށް އަޅުގަނޑަށް، އަޅުގަނޑުމެން ޓީމަށް ފުރުޞަތު ދެއްވައިފިއްޔާ ޕީޕީއެމް/ޕީއެންސީއަށް މިފަހަރު ވެރިކަމަށް އައުމަށް ފުރުޞަތު ދެއްވުމަކީ ރައްޔިތުން ގޮތް ނިންމަންވީކަމެއް." މުއިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ