ބޮޑުތިލަދުންމަތީގެ ތަރައްޤީގެ ނާރެސްކަމުގައިވާ ކުޅުދުއްފުށި ސިޓީގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކުޅުދުއްފުށި ރައްޔިތުން އެދޭގޮތަށް ތަރައްޤީގެ ކަންކަން ބައްޓަންކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، މަގުހެދުމުގެ މަސައްކަތް މުޙައްމަދު (ޖިހާދޭ) ވިދާޅުވީހެން ހާވާލާފައި އޮތްކަމަށާއި، މާލެއެކޭ އެއްގޮތަށް، މާލެއެކޭ އެއްފެންވަރަށް މަގުތައް ހެދިފައި ހުންނާންޖެހޭ ރަށްތައް ރާއްޖޭގައި އެބަހުރިކަމަށް އެމަނިކުފާނު ޤަބޫކުރައްވާ ކަމަށެވެ. އަދި ހަމައެއާއެކު ހަޤީޤަތުގައި ހުރިހާ ރައްތަކަކީ އަދި ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނަކީވެސް ހަމަހަމަކަމާއެކީ ތަރައްޤީ ލިބެންޖެހޭ ފަރާތްތަކަށްވާއިރު، ހަމަހަމަކަން އެއީ ސިޔާސަތެއް އަދި ޤަބޫލުކުރުމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މި ސިޓީގެ [ކުޅުދުއްފުށި ސިޓީ] ހުރިހާ މަގުތަކަކީ ހެދެންޖެހޭ މަގުތައް. އާދެ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ސިޓީގެ ބޮދެތި ހުރިހާ މަގެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ތާރު އަޅައިގެން ހަދައި، އަދި ހަނި ކުދި ގޯޅިތައް ގައު އަތުރައިގެން ހަދައި މުޅި ސިޓީގެ ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރެއްގައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ހަދައިދޭނަން." މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ކުޅުދުއްފުށި ސިޓީއަށް ކޮންމެހެން ކޮށްދޭންޖެހޭ ގިނަ ކަންތައްތަކަކަށް މި ސަރުކާރުން އިހުމާލެވެފައިވާ ކަމަށާއި، އެ ސިޓީއަށް ތަރައްޤީ ގެންނާންޖެހޭ ގިނަގުނަ ދާއިރާތަކެއް އެބަހުރިކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މި ސިޓީގެ ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރުކުރައްވައި އެ ފުރުޞަތު ދެއްވައިފިނަމަ އަޅުގަނޑު ދޭ ޔަޤީންކަމަކީ މި ސިޓީގެ ރައްޔިތުން ބޭނުންވެލައްވާގޮތަށް މި ސީޓީގެ ތަރައްޤީގެ ކަންކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބައްޓަންކޮށްދޭނެކަން." މުއިއްޒު ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވަން މީގެ ކުރިން އެއްވެސް ސިޔާސީ ލީޑަރަކު ވައުދުވެވަޑައިގެންފައި ނުވާއިރު، ވާރޭ ވެހޭ މޫސުމުގައި މަގުތައް ހަލާކުވެފައި އޮތުމުގެ ސަބަބުން އެ ސިޓީގެ ރައްޔިތުން އަދި އެ ސިޓީއަށް އެކިއެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކުން ބޮޑެތި ތަކުލީފުތަކެއް އުފުލާލާ ޒަމާންތަކެއް ވެއްޖެއެވެ.