ސިޔާސީ ބޭނުންތަކުގައި ހަމައެއް ލަމައެއްނެތް ގޮތުގައި އަދުގެ ސަރުކާރުން ވަޒީފާ ދިން ނަމަވެސް އެއިން އެއްވެސް ބޭފުޅެއްގެ ވަޒީފާ ގެއްލުވާނުލައި އެ މައްސަލަ ހައްލުކޮށްދެއްވާނެކަަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރޭ ހއ. ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، އެކިއެކި ސިޔާސީ ބޭނުންތަކަށް އެކިއެކި ކުންފުނިތަކުން ވަޒީފާ ދޭތަން ފެންނަ ކަމަށެވެ.
"މިހާރު އެބަފެނޭ ވަޒީފާ އެކިއެކި ސިޔާސީ ބޭނުންތަކަށް އެކިއެކި ކުންފުނިތަކުން ދޭތަން. ވަޒީފާ ދިނުމަކީ އަޅުގަނޑުމެން ދެންމެވެސް މިދެންނެވީ އެންމެ ޝައުގުވެރިކަން ދޭނެ ކަންތަކޭ. ދެވަނައަށް އެންމެ ބޮޑަށް އިސްކަންދޭނެ ކަންތަކޭ. އެހެންވީމާ އަޅުގަނޑު ދޭންބޭނުންވާ ޔަޤީންކަމަކީ ސިޔާސީ ބޭނުމެއްގައިވިޔަސް އެކި ކުންފުނިތަކަށް މަޝްރޫއުތައް ނުފެށެނީސްވެސް ނަގާ ވަޒީފާތަކަކީ އަޅުގަނޑު ދޭން ބޭނުން ޔަޤީންކަމަކީ، އެއްވެސް މީހަކަށް، އެއްވެސް ރައްޔިތަކަށް ލިބޭ ފުރުޞަތަކުން އެރައްޔިތަކު އަޅުގަނޑުމެންގެ ސަރުކާރަކުން މަހުރޫމެއް ނުކުރާނަމޭ. އެހެންނަމަވެސް ފަހަރެއްގައި އެ ވަޒީފާއެއް އެ ނެގޭ ކުންފުނީގައި އެވަޒީފާއެއް ނޯވެދާނެ. އެހެންނަމަވެސް މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން އެމީހަކަށް ވަޒީފާ މިހާރު ލިބިފައިވާނަމަ އެވަޒީފާއެއް އެ ލިބުނު މުސާރައެއްގައި ލިބޭނެގޮތަށް މުޅި ސަރުކާރުގެ ތެރެއިން ކޮންމެވެސް ހިސާބަކުން އެ ވަޒީފާގެ ޔަޤީންކަން އަޅުގަނޑު ދެމޭ. އިރާދަކުރެއްވިއްޔާ އެއްވެސް މީހަކު ބާކީ ނުވާނެ، ވަޒީފާއަކުން ވަތްކެއް ނުކުރާނަން." މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ބޭނުންނުވާވަރަށް ވަކި ކުންފުންޏަކަށް ވަޒީފާއަށް ނަގާފައި ހުރެދާނެ ކަމަށާއި، އެހެން އެކަން ކޮށްފައިވާނަމަ ވަޒީފާއަށް ބަދަލެއް އަތުވެދާނެކަމަށާއި، ނަމަވެސް ހަމަ އެ ރަށުގައި ހުރެގެން ވަޒީފާ އަދާކުރެވޭނެގޮތް ހަމަޖައްސާނެ ކަމަށެވެ.
"މިސާލަކަށް ބޭނުންނުވާވަރަށް ވަކި ކުންފުންޏަކަށް ވަޒީފާއަށް ނަގާފައި ހުރެދާނެ. އެ ކުންފުނީގެ މާލިއްޔަތަށް ނުކަތާވަރަށް ވަޒީފާއަށް ނަގާފައި ހުރެދާނެ. ފިނޭންސް މިނިސްޓްރީގެ ބަޖެޓުން އެތައް މިލިއަނެއް ކޮންމެ މަހަކު ޚަރަދުކުރަން ޖެހިފައި އޮވެދާނެ. އެހެންވީމާ ބަދަލުތަކެއް އައިސްފާނެ. އައިސްގެން އެ ކުންފުނި ނޫން ކުންފުންޏަކަށްވެސް ފަހަރެއްގައި ވަޒީފާއަށް ދާންޖެހިފާނެ. އެހެންނަމަވެސް ރަށުގައި ހުންނާނީ، ރަށުގައި ހުރެގެން ވަޒީފާ އަދާކުރެވޭނެގޮތް އަޅުގަނޑުމެން ޔަޤީންކޮށްދޭނަމޭ، އަދި އޭގެ އިތުރަށް އިތުރު ފަރާތްތަކަށް ވަޒީފާ ލިބިގެންދާނެ. އެހެންވީމާ، ވަޒީފާގެ ބިރު ނުގަންނާށޭ، ހިތުގައި އޮތަ ނުދެއްވާށޭ، ވަޒީފާއަކުން މީހަކު ވަތްކެއް ނުކުރާނަމޭ." މުއިއްޒު ވިދާޅުވެފައިވެއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، އިޤްތިޞާދީގޮތުން ކުންފުނިތަކަށް ގެންނަންޖެހޭ ބަދަލު ގެންނަވާނީ ވަޒީފާ ނުގެއްލޭ ގޮތަށް ކަމަށެވެ.
"އެހެންވީމާ ސިޔާސީ ގޮތުން ބިރުދެއްކުމަށްޓަކައި، ސިޔާސީގޮތުން ތަޅު އެޅުވުމަށްޓަކައި ވަޒީފާ ދޭކަމަށް މީހުންނަށް ހީކޮށްދޭން އުޅުނަސް އޭތީގައި ނުޖެހޭށޭ، މިނިވަންކަމާއެކީގައި ތިއްބަވާށޭ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ތިއްބަވާށޭ، އިޚްލާސްތެރިކަމާއެކީގައި މަސައްކަތް ކޮށްދޭށޭ، ތިޔަ ޚިދުމަތް ދެވެނީ ޤައުމަށޭ. ވަޒީފާއިން ވަތްކެއް ނުކުރެވޭނޭ، އެހެންނަމަވެސް ބަދަލުތަކެއް އަތުވެދާނޭ، އިޤްތިޞާދީގޮތުން ކުންފުނިތަކަށް ގެންނަންޖެހޭ ހެޔޮ ބަދަލުތަކެއް އަޔަސް ވަޒިފާ ނުގެއްލޭނޭ." މުއިއްޒު ވިދާޅުވިއެވެ.



